ހަނގުރާމައިގެ ސަބަބުން ދިމާވާ ދަތިތަކަށް އަޅާ ފިޔަވަޅުތައް ދެނެގަންނަން ގަރާރެއް

އަވަސް

23 ޖޫން 2025 | ހޯމަ | 10:13

އިޒްރޭލް-އީރާން ހަނގުރާމައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ އަޅަންޖެހޭ ފިޔަވަޅުތަށް އަޅަމުންގެންދޭތޯ ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމް އެވެ. މެންބަރު މީކާއީލް ހުށަހެޅުއްވި ގަރާރުގައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އީރާނަށް ދިން ކުއްލި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާތައް ދެމުންދާއިރު އެ ހަނގުރާމަ އެ ސަރަހައްދުގެ އިތުރު ގައުމުތަކަށް ފެތުރި ދުވަސްތަކަކަށް ދިގުދެމިގެން ދިއުމުގެ ފުރުސަތު އޮތް ކަމަށް ބުނެފަ އެވެ. ގަރާރުގައި ވަނީ ރާއްޖެއަކީ ތެލާއި ކާބޯތަކެއްޗާއި ބޭހާއި އެ ނޫންވެސް ޒަރޫރީ ތަކެތި އިމްޕޯޓްކޮށްގެން ބޭނުންކުރާ ގައުމެއް ކަމަށާއި ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ސިނާއަތަކީ އަދި ބޭރު ފައިސާ ހޯދައިދޭ މައިގަނޑު ވަސީލަތަކީ ޓޫރިޒަމްކަން ފާހަގަކޮށްފަ އެވެ. "ހަނގުރާމައިގެ ސަބަބުން އަދި ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރަށް ބުރޫއެރުމުގެ ސަބަބުން އެންމެ ފުރަތަމަ އަސަރުކުރާ ސިނާއަތަކީ ޓޫރިޒަމް،" މީކާއީލް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ. ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އުފުލައިދޭ އެއާލައިންތަކަކީ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ މެދުއިރުމަތީގެ ގައުމުތަކަށް ނިސްބަތްވާ އެއާލައިންތައް ކަމަށް ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން ދޯހާ އާއި ދުބާއީ ފަދަ މަންޒިލްތަކުން ޓްރާންސިޓް މަގުން އެއާލައިންތަކުން ދަތުރުކުރާއިރު މެދުއިރުމަތީގައި ހިނގާ ހަނގުރާމަ ދިގުލައިގެންދާނަމަ ރާއްޖެއަށް ކުރާ ދަތުރުތައް މަޑުޖެހި ޓޫރިސްޓުން އައުން މަދުވެދާނެ ކަމަށް ބެލެވޭ ކަމަށް ގަރާރުގައިވެ އެވެ. "ދެންނެވުނު މަގުން ކަންކަން ހިނގައިފިނަމަ، ދައުލަތުގެ އާމްދަނީ ދަށްވުމާއި ބޭރު ފައިސާ ލިބުން ނުހަނު ބޮޑަށް ދަށްވުން ފަދަ، ދަތި ހާލަތެއް ދިވެހިރާއްޖެއަށް ކުރިމަތިވުމަކީ ނުހަނު އެކަށީގެންވާ ކަމެއް،" ގަރާރުގައި ބުނެފައިވެ އެވެ. ގަރާރުގައި ވަނީ އަސާސީ ހިދުމަތްތަކަށް ބޭނުންވާ ތެލާއި ގޭސް ފަދަ ތަކެތި މެދުނުކެނޑި އެތެރެ ކުރެވޭނެކަން ކަށަވަރު ކުރުމާއެކު ބޭހާއި ކާޑުގެ ބާވަތްތަކާއި އަދި ތުއްތުކުދިންގެ ކާނާ ފަދަ ކޮންމެހެން ބޭނުންވާ ތަކެތި ހުސްނުވެ ރައްޔިތުންނަށް ލިބެން ހުންނާނެކަން ކަށަވަރު ކުރުމަށްޓަކައި ފިޔަވަޅުތައް އެޅުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ބުނެފަ އެވެ. މި ގަރާރު ހުށަހެޅީ "ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި އޮތް ހާލަތުގައި އަންނަން ހުރި ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭގައި ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށްޓަކައި ވަނީ ބުނެފަ އެވެ.

މައުޟޫޢުތަށް