ފުލުހުން ވާންޖެހޭނީ ތެދުވެެރިކަމާއެކު އަތްދިއްކޮށްލެވޭ ބަޔަކަށް: ސީޕީ
އަވަސް
23 ޖޫން 2025 | ހޯމަ | 4:47
ކޮންމެ ފުލުހަކީވެސް ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު އަތް ދިއްކޮށްލެވޭ މީހަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އިންސްޕެކްޓާ ކޯސް ހަތަރެއް ފުރިހަމަ ކުރި ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަވީން ވިދާޅުވީ އާންމު މީހަކު ފުލުހެއްގެ އެހީތެރިކަމަށް އެދޭނީ އެ މީހަކު ކަންބޮޑުވާ ކަމެއްގައި އެތައް މަސައްކަތެއް ކުރުމަށްފަހު އަލިމަގެއް ނުފެނިގެން ކަމަށެވެ. "އެހެންވީމާ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދެއްވުމަށް އަޅުގަނޑު ބައިވެރިންގެ ފަރާތުން އެދެން،" ނަވީން ވިދާޅުވި އެވެ. ސީޕީ ނަވީން ވިދާޅުވީ ދިވެހި މުޖުތަމައަކީ މިއަދު ހުޅުވިފައިވާ މުޖުތަމައަކަށްވާތީ އިންސްޕެކްޓާ ކޯސް ފުރިހަމަކުރި ކަމުގައި ވިޔަސް ކޮންމެ ފުލުހަކީވެސް އަމިއްލަ ނަފްސުގެ ތަރައްގީއަށް މަސައްކަތްކޮށް، ފެންވަރު ރަނގަޅުކޮށް، އަހްލާގު ރަނގަޅު މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަޒާހަތްތެރި، ޒިންމާދާރު އަދި ގާބިލްކަން އިތުރުކުރުމަށް މަސައްކަތްކުރާ މުވައްޒަފުންތަކެއް ގޮވައިގެން މަގުދައްކާ ފުލުހަކަށް ކޮންމެ ފުލުހަކު ވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.
އިންސްޕެކްޓާ ކޯހުގެ މައިގަނޑު އަސާސަކީ މި ކޯސް ފުރިހަމަކުރާ އޮފިސަރުންނަށް އިންސްޕެކްޓާ ރޭންކުގެ ޒިންމާ އަދާކުރެވޭ މިންގަނޑަށް ހުނަރާއި އިލްމު ފޯރުކޮށްދިނުމެވެ. އެކަމަށް އިޝާރާތް ކުރައްވަމުން ސީޕީ ނަވީން ވިދާޅުވީ ކޯސް ފުރިހަމަކޮށް މަސައްކަތަށް އެނބުރި ދާއިރު ގާބިލް އޮފިސަރެއްގެ ކިބައިން ފެންނަންޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. މަސައްކަތުގެ މައިދާނުގައި ކޯހުން ލިބުނު އިލްމާއި ހުނަރު ބޭނުންކުރުމަށްވެސް ހަނދާންކޮށްދެއްވި އެވެ. ކޮމިޝަނާ ނަވީން ވިދާޅުވި ގޮތުގައި އިންސްޕެކްޓާ ކޯހަކީ ފުލުހުންގެ ކެރިއާގައި ކޮމިޝަންޑް އޮފިސަރަކަށް ވުމަށް އެޅޭ ވަރަށް މުހިއްމު ބިންގަލެކެވެ. މި ކޯހަކީ ފުލުހުންގެ ހިދުމަތުގައި ކުރިއަށް ދިއުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ހިންގޭ ވަރަށް މުހިއްމު ކޯހެއް ކަމުގައިވެސް ވިދާޅުވި އެވެ. މި ކޯހުގެ ތެރެއިން ގާނޫނީ ގޮތުން ހަވާލުވާ ޒިންމާތަކާއި އަދާކުރަންޖެހޭ ކަންކަން ދެނެގަނެ، މަސައްކަތް ތަރުތީބުކޮށް މެނޭޖުކުރުމަށް ދަސްކޮށްދެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. "މި ހިދުމަތުން އުއްމީދުކުރަނީ މި ކޯސް ފުރިހަމަ ކުރުމުން ޒަމާނީ ފުލުހުންގެ ހިދުމަތަކަށް ލޯހުޅުވި، ހިދުމަތްކުރުމަށް ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަންކަން ހައްލުކުރެވޭނެ ގާބިލުކަން ލިބިގެންދިޔަ ކަމަށް،" ކޮމިޝަނާ ވިދާޅުވި އެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނާ ވަނީ އިންސްޕެކްޓާ ކޯސް ފުރިހަމަ ކުރި ހުރިހާ ފުލުހުންނަށް މަރުހަބާ ތަހުނިޔާ ވިދާޅުވެފަ އެވެ. މި ކޯހުން އެއްވަނަ ހާސިލް ކުރީ ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ނިޒާމު މުހައްމަދު އެވެ.