ހަމަލާތަކާ ގުޅިގެން ފްލައިޓްތައް ލަސްވެ، ޓޫރިޒަމަށް ގެއްލުން ވެދާނެ!
އަވަސް
23 ޖޫން 2025 | ހޯމަ | 11:58
އިރާނުން ގަތަރާއި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ރާއްޖެއަށް ދަތުރުކުރާ އެތައް ފްލައިޓެއް ޑިލޭވެ ބައެއް ފްލައިޓްތައް ކެންސަލް ވެދާނެ ކަމަށް ބެލެވިއްޖެ އެވެ.
އިރާންގެ ހަމަލާތަކާ ގުޅިގެން ވައިގެ ސަރަހައްދު މިރޭ ބަންދުކުރި ގައުމުތަކުގެ ތެރޭގައި ގަތަރާއި ޔޫއޭއީ އާއި ބަހުރެއިން އަދި ކުވެއިތު ހިމެނެ އެވެ. މީގެތެރެއިން ގަތަރާއި ޔޫއޭއީ އަކީ ރާއްޖެއަށް އަންނަ ފްލައިޓްތައް އެންމެ ގިނައިން އަންނަ އެއް މަގު ނުވަތަ ޓްރާންސިޓް ކުރާ ދެ ގައުމެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުން އެންމެ ގިނައިން އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެމްއޭސީއެލް އިން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފްލައިޓް ޝެޑިއުލަށް ބަލާއިރު މާދަމާ ދުބާއީ އިން މާލެއަށް އެމިރޭޓޭސް އެއާލައިންގެ ހަތަރު ފްލައިޓް އަދި އަބޫ ދާބީ އިން މާލެއަށް އިއްތިހާދު އެއާވޭސްގެ ދެ ފްލައިޓް އަންނަ ގޮތަށް ތާވަލްކޮށްފައިވެ އެވެ. އަދި ގަތަރުގެ ވެރިރަށް ދޯހާ އިން ރާއްޖެއަށް އަންނަން ގަތަރު އެއާވޭސްގެ ދެ ފްލައިޓްވެސް އޮތީ ތާވަލްކޮށްފަ އެވެ. ވީއައިއޭ އިން ދުބާއީއަށް މިރޭ 11:00ގައި ފުރަން އޮތް އެމިރޭޓްސް ފްލައިޓަކާއި ފުލައި ދުބާއީ އެއާލައިންގެ ފްލައިޓްވެސް ވަނީ ހަމަލާތަކާ ގުޅިގެން ފުރުން ފަސްވެފަ އެވެ. އިރާންގެ ހަމަލާތަކާއި ގުޅިގެން ބައެއް ގައުމުތަކުން ގަތަރާއި ޔޫއޭއީ އަށް ކުރަމުން ދިޔަ ދަތުރުތައްވެސް ވަގުތީގޮތުން ވަނީ މެދުކަނޑާލާފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވަމުންދާނަމަ ރާއްޖޭގެ ޓޫރިޒަމަށް އެކަމުން ބޮޑު ގެއްލުމެއް ލިބޭނެ އެވެ.