ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމަށް ކުރާނެ އަސަރު މޮނިޓާ ކުރަނީ

އަވަސް

24 ޖޫން 2025 | އަންގާރަ | 10:45

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާނެ އަސަރު ވަރަށް ގާތުން މޮނިޓާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތޯރިގު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ފަތުރުވެރި ކަމަށް ކުރާނެ އަސަރު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ގުޅިގެން މޮނިޓާ ކުރަމުންދާ ކަމަށެވެ. އެ ގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދެނީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ފަތުރުވެރިކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވި އެވެ. މިނިސްޓަރު ތޯރިގު މިހެން ވިދާޅުވީ އެމެރިކާ އިން އީރާނަށް ދިން ހަމަލާގެ ރައްދުގައި އީރާނުން ރޭ ގަތަރާއި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައި ވަނިކޮށެވެ. މި ހަމަލާތަކާ ގުޅިގެން މެދު އިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރިއިރު އެވެ. މީގެ އިތުރުން ބަހްރެއިން އާއި އަބޫދާބީ އަދި ދޯހާ އިން ރާއްޖެއަށް މިއަދު ދަތުރުކުރަން ޝެޑިއުލްކުރި ބައެއް ފްލައިޓްތައް ވަނީ ޑިލޭވެފަ އެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓާއި ޔޫއޭއީގެ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖެ އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ އެއާޕޯޓެވެ.

މައުޟޫޢުތަށް