ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ދޭން ދިރާސާއެއް ހަދަނީ
އަވަސް
24 ޖޫން 2025 | އަންގާރަ | 11:02
ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ވަޒީރުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ވަޒީރުންނަށް ދަންނަވާފައިވާ ކަމަށެވެ. "ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ދިރިއުޅޭ ރަށްރަށުގެ އެންމެންނަށް ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް ރައީސް އަންގަވާފައިވާއިރު މި ސަރުކާރުން ވަނީ ދުންފަތާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މިހާތަނަށް އަޅާފަ އެވެ. އެ ގޮތުން ރާއްޖޭގައި ވޭޕް ބުއިމާއި ވިއްކުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ޖެނެރޭޝަނަލް ބޭން ވަނީ ކަނޑައަޅާފަ އެވެ. މިއާއެކު ޖެނުއަރީ 1، 2007 ގައި ނުވަތަ އެ ތާރީހުގެ ފަހުން އުފަންވެފައިވާ އެއްވެސް މީހަކަށް އަދި އުމުރުން 21 އަހަރު ވެފައި ނުވާ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ނުވަތަ ދުންފަތުގެ އުފެއްދުމެއް އެއްވެސް ފަރާތަކުން ވިއްކުން ވަނީ މަނާކޮށްފަ އެވެ