ޖުޑިޝަރީ އިސްލާހުކުރަން ގިނަ ގާނޫނުތަކެއް އިސްލާހުކުރަން ޖެހޭ: ނާޒިމް

އަވަސް

25 ޖޫން 2025 | ބުދަ | 10:54

ޖުޑިޝަރީ އިސްލާހު ކުރުމަށް ވަރަށް ގިނަ ބިލްތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ޖުޑިޝަރީ އިސްލާހު ކުރުމަށް، ވަރަށް ގިނަ ބިލްތަކަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ނާޒިމް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަނައިބުގެ އޮފީހުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނާޒިމް ވިދާޅުވީ، މަދަނީ ކޯޓުގައި ފުނި ޖެހިފައި ހުރި ގިނަ މައްސަލަތަކަކީވެސް މަދަނީ އިޖުރާއަތުގެ ގާނޫނުގެ ސަބަބުން ފުނިޖެހިފައި ހުރި މައްސަލަތަކެއް ކަމަށެވެ. އެކަންކަން ހައްލު ކުރުމަށް، ބަންޑާރަ ނާއިބުގެ އޮފީހަށް ފެންވަރު ރަނގަޅު ވަކީލުން ބޭނުންވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. މަދަނީ އިޖުރާއަތުގެ ގާނޫނު ވުޖޫދާށް ގެނެވުނު އިރުގައި އޭތި ރޯލްއައުޓް ކުރެވިފައި އޮތީ ކުރަންވާ ގޮތަކަށް ނޫން ކަމަށާއި އެހެންވީމާ މީޑިއޭޝަންގެ މަރުހަލާވެސް އޮތީ މެދު ކެނޑިފައި ކަމަށް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި އެ އިސްލާހުތަކަކީވެސް ވަރަށް ބޮޑެތި އިސްލާހުތަކެކެވެ. ސިވިލް ކޯޓުގައި ގިނަ މައްސަލަތަކެއް ނުނިމި ފުނި ޖެހިފައިވާކަން މަޖިލީހުގެ ނާއިބު ރައީސް ފާހަގަ ކުރެއްވިއިރު، ސިވިލް ކޯޓުގައި މިދިޔަ އަހަރުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ އަދަދު 4700 އަށްވުރެ ގިނަ އެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 2،368 ގަޒިއްޔާ އަކީ ހުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާތަކެވެ. ސިވިލް ކޯޓުން މިދިޔަ އަހަރު ޖުމްލަ 5،432 ގަޒިއްޔާ ނިމިފައިވާއިރު، އެއީ 2023 ވަނަ އަހަރަށް ވުރެ 17.57 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އެ ކޯޓުގެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، އިހުތިލާފު އޮންނަ ބާވަތުގެ 3،268 ދައުވާގައި މިދިޔަ އަހަރު ވަނީ ހުކުމް ކޮށްފަ އެވެ. އިހުތިލާފެއް ނެތް ބާވަތުގެ 621 މައްސަލައެއް ނިންމާފައިވެ އެވެ. ހުކުމް ތަންފީޒުކުރުމުގެ 1،543 މައްސަލައެއް ވެސް ނިންމާފައިވެ އެވެ.

މައުޟޫޢުތަށް