ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމް ދީނުގައި ދެމިތިބެގެން: ރައީސް

އަވަސް

25 ޖޫން 2025 | ބުދަ | 9:38

ދިވެހި މުޖުތަމައުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުސޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހިޖުރީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދިވެހި ރައްޔިތުން ގަބޫލުކުރަންވީ ހަގީގަތަކީ، ދިވެހީންގެ ސަލާމަތާއި ބާއްޖަވެރިކަން އޮތީ އިސްލާމްދީނުގެ ވާފަށުގައި ހިފަހައްޓައިގެންކަން ގަބޫލުކުރުން ކަމަށެވެ. އެގޮތުން ރަސޫލާ، އެކަލޭގެފާނު އުފަންވެ ވަޑައިގަތް ބިން ދޫކުރައްވައި ﷲގެ އަމުރުފުޅާ އެއްގޮތަށް މަދީނާއަށް ހިޖުރަ ކުރެއްވި ކުރެއްވުމަކީ، އިސްލާމީ އުންމަތަށް އެތައް ހާސް އިބްރަތެއް ލިބިދޭ ތާރީހީ ހާދިސާއެއްކަން ރައީސްގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފަ އެވެ. ހިޖުރައިގެ ދަތުރުފުޅަށް ތައްޔާރުވެ ވަޑައިގަންނަވަން ފެއްޓެވީއްސުރެ ރަސޫލާ ކުރެއްވި ކޮންމެ ކަމަކީ، ފަރުދީގޮތުންނާއި، ގައުމެއްގެ ނިސްބަތުގައި، އަދި އުންމަތުގެ ނަޒަރިއްޔާތުން ބަލާއިރުވެސް، ކާމިޔާބު ހާސިލްކުރުމުގައި ހިފަހައްޓަންވީ ހިކްމަތްތެރި ހަމަތަކެއް ކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހިޖުރައިގެ ދަތުރުފުޅަށް ރަސޫލާ ފެއްޓެވި ރޭ، އެކަލޭގެފާނުގެ އެނދުދާންކޮޅުގައި އަލީގެފާނު ބޭއްވެވުމާއި، އާއްމުކޮށް މަދީނާގެ ދަތުރަށް މީހުން މިސްރާބު ހިފާ މަގާ ދުރުގައި ހުރި ސައުރު ފަރުބަދައިގެ ހޮހަޅައިގާ ތިން ރޭ މަޑު ކުރެއްވުމާއި، ދަތުރުފުޅު ކުރެއްވި މަގުގެ ފިޔަވަޅުތަކާއި ނިޝާންތައް އެހެން ބަޔަކަށް ނުފެންނާނޭހެން ފޮއްސެވުމަށް ސަހާބީ ބޭކަލެއް ކަމުގައިވާ އާމިރު ބިން ފުހައިރާއާ ހަވާލުކުރެއްވުމާ، މިކަންކަމުން އަންގައިދެނީ ﷲއަށް ވަކީލު ކުރުމާއެކު، ވާދަވެރީންގެ ކެހިވެރިކަމުން މިންޖުވެވޭނެ މާއްދީ ސަބަބުތަކުގައި ހިފުމުގެ މުހިއްމުކަން ކަމަށެވެ. ދަތުރުފުޅު މަތީގައި އުޅުއްވާއިރު މުޝްރިކުންގެ ހަބަރުތައް ގެނަސްދެއްވުމަށް ޒުވާން ސަހާބީ އަބްދުﷲ ބިން އަބޫބަކުރާ ހަވާލުކުރެއްވުމާއި، ފަރިއްކޮޅު ގެނަސްދެއްވުމަށް، ހިތްވަރުގަދަ އަންހެން ސަހާބީ، އަސްމާ ބިންތު އަބޫބަކުރާ ހަވާލުކުރެއްވި ކަމީ، އިސްލާމީ މުޖުމަތަމައުގެ ކާމިޔާބީގައި އަންހެނުންނާއި ޒުވާނުންގެ ދައުރާއި ހިއްސާގެ ބޮޑުކަން އަންގައިދޭ ކަމެއް ކަމުގައި ރައީސް ހަނދާންކޮށްދެއްވި އެވެ. މީގެ އިތުރުން މުސްލިމުން އިތުރު ތަޖުރިބާ ބޭނުންވާ ކަންކަމުގައި އެކަންކަމަށް މޮޅު، އިތުބާރުހުރި، ޣައިރު މުސްލިމުންގެ ބޭނުން ހިފުމުގެ މިސާލުވެސް ހިޖުރައިގެ ހާދިސާއިން އެނގިގެންދާ ކަމުގައި ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ހިޖުރީ އާ އަހަރެއް ފެށިގެން ދިޔަ މިދަނޑިވަޅަކީ، ކެތްތެރިކަމާއެކު ﷲގެ ހަޒުރަތުން ވާގިއެދި، މުސްލިމުންގެ އެއްބައިވަންތަކަމާއި ސަލާމަތަށްޓަކައި ދުއާކުރުން އިތުރު ކުރުމަށް އިސްލާމީ އުންމަތަށް ޖެހިފައިވާ ވަގުތެއް ކަމަށެވެ. އެގޮތުން ހަނގުރާމައިގެ ނުތަނަވަސް ހާލަތެއް މެދުއިރުމަތީގެ އިސްލާމީ ބައެއް ގައުމުތައް ދާދިފަހުން ތަހައްމަލު ކުރިއިރު، ދިވެހި ރައްޔިތުންގެ އިހްލާސްތެރި ދުއާތައް ވަނީ މުސްލިމް އަޚުންނާއި އުޚްތުންނާ އެކުގައި ކަމުގައި ވިދާޅުވި އެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް އަމާންކަމާއި ސަލާމަތަށް އެދިވަޑައިގެން، އެ ސަރަހައްދުގެ މުސްލިމް ހުރިހާ ވަތަނަކަށްމެ، ސިލްމާއި ރައްކާތެރިކަން މިންވަރުކޮށްދެއްވުން އަދައި ﷲގެ ހަޒުރަތުގައި ދުއާ ދެންނެވިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ރައީސްގެ ހިތާބު ނިންމަވާލައްވާފައިވަނީ ދުޝްމިނުންގެ ކެހިވެރި ރޭވުންތަކުން އިސްލާމީ އުންމަތް ހިމާޔަތް ކޮށްދެއްވައި، މުސްލިމުންނަށް ނަސްރާއި ނަސީބު މާތްﷲގެ ހަޒުރަތުން ދެއްވުމަށާއި، ދިވެހި މި ލޮބުވެތި ވަތަން ކީރިތިކަމާއި މޫރިތިކަމުގައި، އިސްލާމީ ހިދާޔަތާއި މިނިވަންކަމާއި ތިޔާގިކަމުގައި އަބަދުމެ ލެއްވެވުން އެދި ދުއާ ދަންނަވަމުންނެވެ.

މައުޟޫޢުތަށް