ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް މި އަހަރު ފެށޭނެ: ރައީސް

އަވަސް

26 ޖޫން 2025 | ބުރާސްފަތި | 1:11

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅުގައި މި މަސް ނިމުމުގެ ކުރިން އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ވި ވައުދާ އެއްގޮތަށް މިއަދު އެ އަތޮޅުގައި ފެރީގެ ހިދުމަތް ފަށާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. މީގެ އިތުރުން ހުރިހާ އަތޮޅުގައި މި އަހަރު ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. "ހުރިހާ އަތޮޅެއްގައި މިއަހަރު ނިމުމުގެ ކުރިން ފެރީ ޚިދުމަތް ފަށާނެ ކަމަށް ވީ ވައުދުވެސް ފުދިގެންދާނެ. އެކަމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ދަނީ ކުރިޔަށް،" ރައީސް ވިދާޅުވި އެވެ. ރ. އަތޮޅުގައި މިއަދު އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފައިވާއިރު އަތޮޅުގެ ރައްޔިތުންނަށް ހިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަދުން ފެށިގެން ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އާރްޓީއެލް ފެރީގެ ހިދުމަތް މިހާރު ދެމުން އަންނަނީ ޒޯން 1 ގެ ހއ. ހދ. ށ. އާއި ޒޯން 2 ގެ ނ. ރ. ޅ. އާއި ޒޯން 5 ގެ ގއ. ގދ. އަދި ޒޯން 6 ގެ ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީގަ އެވެ.

މައުޟޫޢުތަށް