ޑްރަގަށް ފަރުވާ ހޯދި 18 ޕަސެންޓް މީހުން އަލުން އެކަމުގައި!
އަވަސް
26 ޖޫން 2025 | ބުރާސްފަތި | 9:11
މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ފަރުވާ ހޯދި މީހުންގެ ތެރެއިން 18 ޕަސަންޓް މީހުން އަލުން މަސްތުވާތަކެތި ބޭނުންކުރަން ފަށާފައިވާ ކަމަށް ޑްރަގް ކޯޓުން ހާމަކޮށްފި އެވެ.
މިއަދަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ދުވަހެވެ. ރާއްޖޭގައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނެއް އެކުލަވާލާ ތަސްދީގު ކުރެެއްވީ ޑިސެމްބަރު 21، 2011 ގައެވެ. ރާއްޖޭގައި ޑްރަގު ކޯޓު އުފެއްދީވެސް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނެވެ. ޑްރަގު ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެ ކޯޓު އުފެއްދި ފަހުން މިހާތަނަށް 11،700 އަށް ވުރެ ގިނަ މައްސަލަ ކޯޓަށް ހުށަހަޅާފައިވެ އެވެ. މީގެތެރެއިން 94 ޕަސެންޓް މައްސަލަތަކުގައި ހިމެނެނީ ފިރިހެނުންނެވެ. ތިން ޕަސެންޓް މައްސަލަތަކުގައި އަންހެނުން ހިމެނޭއިރު ދެ ޕަސެންޓް މައްސަލަތަކުގައި ކުޑަކުދިން ހިމެނެ އެވެ. މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަމުން ދިޔަ 5،148 މައްސަލައެއްގައި ފަރުވާ ނިމުމުން ފަހުގެ ހުކުމް ކޮށްފައިވެ އެެވެ. އަދި ފަހުގެ ހުކުމްކުރި ފަހުން 946 މީހެއްގެ މައްސަލަ އަލުން ކޯޓަށް ހުށަހެޅި ކަމަށްވެސް ތަފާސްހިސާބުތަކުގައި ފާހަގަކޮށްފައިވެ އެވެ. ނަމަވެސް 4،202 މީހުން ނުވަތަ 82 ޕަސެންޓް މީހުންނަށް ފަހުގެ ހުކުމްކުރި ފަހުން އެ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅިފައި ނެތް ކަންވެސް ތަފާސްހިސާބުތަކުން އެނގެ އެވެ. ފަރުވާ އިން ވަކިކޮށް ޖަލު ހުކުމް ތަންފީޒު ކުރުމަށް ޑްރަގު ކޯޓުން މިހާތަނަށް ވަނީ 2،389 މީހެއްގެ މައްސަލައިގައި އަމުުރުކޮށްފަ އެވެ. ޖަލަށް ހުކުމްކުރި 498 މީހުންގެ މައްސަލަ ދެވަނަ ފަހަރަށް ކޯޓަށް ހުށަހެޅިއިރު އެ އެންމެންނަކީވެސް އެ ކޯޓުން ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން އަލުން މަސްތުވާތަކެތި ބޭނުންކޮށްގެން އަނެއްކާވެސް ދައުވާ ކުރެވުނު މީހުންނެވެ.