އެފްއޭއެމްގެ އިންތިހާބަށް މާދަމާ ހުޅުވާލަނީ

އަވަސް

27 ޖޫން 2025 | ހުކުރު | 9:49

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ އެ ފުރުސަތު ހުޅުވާލުމަށް ނިންމާލައިފި އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްްވަން ނިންމާ އެކަން އިއުލާން ކުރީ މިއަދު މީރުމާ ހޮޓެލްގައި ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރުމަށްފަހު އެވެ. އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބަށް މާދަމާ ހުޅުވާލަންޖެހޭއިރު އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ޖުލައި ހަވަނަ ދުވަހުގެ ނިޔަލަށެވެ.

އިންތިހާބުގެ 10 ދުވަސް ކުރިން ބާއްވާ ބައްދަލުވުމުގައި އިންތިހާބީ ކޮންގްރެސްގެ އެޖެންޑާ އާއި، ކެންޑިޑޭޓުންގެ އެންމެ ފަހުގެ ލިސްޓާއި، ކެންޑިޑޭޓް ނަންބަރު ތަރުތީބުކޮށްފައިވާ ގޮތް އިއުލާން ކުރާނެ އެވެ. އެފްއޭއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުގައި ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ފޯމު ހުށަހެޅޭނީ ފަސް ކްލަބްގެ ތާއީދު ފޯމާ އެކު އެވެ. އެ ފަސް ކުލަބްގެ ތެރޭގައި ފުރަތަމަ ޑިވިޝަނުގައި ހިމެނޭ ދެ ކްލަބްގެ ތާއީދު ސިޓީ އޮންނަންޖެހެ އެވެ. އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ. ތޯރިގު ވަނީ މީގެކުރިންވެސް ކުޑަ ދުވަސްކޮޅަކު އެފްްއޭއެމްގެ ރައީސްކަން ކުރައްވާފަ އެވެ. އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެންމެ ފަހުން މަސައްކަތް ކުރި ދެ ފަހަރުވެސް ތޯރިގު ވަނީ އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވާފަ އެވެ. ނަމަވެސް ފީފާ އިން ވަނީ ދެ ފަހަރުވެސް އިންތިހާބު ހުއްޓުވާފަ އެވެ.

މައުޟޫޢުތަށް