ގްރީން ޓެކްސް އާމްދަނީ 88 ޕަސެންޓް އިތުރުވެއްޖެ
އަވަސް
28 ޖޫން 2025 | ހޮނިހިރު | 9:32
ގްރީން ޓެކްސް ގޮތުގައި ދައުލަތަށް މި އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ 88 ޕަސެންޓް އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ވަނީ 976.4 މިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު 518 މިލިއަން ރުފިޔާއަށްވުރެ 458 މިލިއަން ރުފިޔާ އިތުރުވުމެކެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ. ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. އެ ގޮތުން ޓޫރިސްޓް ފެސިލިޓީއެއްގައި ފަތުރުވެރިއަކު ހުންނަ ކޮންމެ ދުވަހަކަށް މި ޓެކްސް ނަގަ އެވެ.
މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.