އާމްދަނީ އިތުރުވެއްޖެ، 17.6 ބިލިއަނަށް

އަވަސް

29 ޖޫން 2025 | އާދިއްތަ | 9:37

އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރު ދައުލަތަށް 17.6 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓަށް ބަލާއިރު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 17.6 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 8.3 ޕަސެންޓް އިތުރު އަދަދެކެވެ. ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 13.6 ބިލިއަން ރުފިޔާ ލިބުނުއިރު މިއީ މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމުލަ އާމްދަނީގެ 77.4 ޕަސެންޓެވެ. ޓެކްސް އާމްދަނީގެ ތެރެއިން ގްރީން ޓެކްސް އާމްދަނީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ އިތުރުވެފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފަ އެވެ. އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ. ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކަށް ބަލާއިރު މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 44.1 ޕަސެންޓް މިހާތަނަށް ވަނީ ލިބިފަ އެވެ. މި އަހަރުގެ ތެރޭގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވާ ޖުމުލަ ހަރަދުގެ ތެރެއިން މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑުކޮށްފައިވަނީ 32.9 ޕަސެންޓެވެ.

މައުޟޫޢުތަށް