ބައްސާމުގެ ޝަރީއަތުގައި އަލީ އުމަރު ހެކި ބަސް ދީފި

އަވަސް

29 ޖޫން 2025 | އާދިއްތަ | 4:14

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލުގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއެއްގެ ޝަރީއަތުގެ އެފްއޭއެމްގެ ކުރީގެ ނައިބް ރައީސް އަލީ އުމަރު މިއަދު ހެކިބަސް ދީފި އެވެ.

ދައުލަތުން ބައްސާމަށް ކުރާ ދައުވާތަކުގެ ތެރެއިން އަލީ އުމަރު މިއަދު ހެކި ބަސް ދިނީ އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ. ދައުވާތަކަށް ބައްސާމު ކުރިން އިންކާރުކޮށްފައިވާތީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު އޭނާއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިން ހެކި ބަސް ނެގުމެވެ. ހެކި ބަސް ދެމުން އަލީ އުމަރު ބުނީ އޭނާއަކީ އެފްއޭއެމްގެ ޗެކް ތަކުގައި ސޮއި ކުރުމުގެ ބާރު އޮތް މީހެއް ކަމަށާއި ނަމަވެސް ޗެކްތަކުގައި ސޮއިކޮށްފައި ހުންނާނީ ކަމާ ގުޅޭ ލިޔެކިޔުންތައް ހަމަކުރުމުން ކަމަށެވެ. ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އެފްއޭއެމްގެ ފައިސާގެ ވަކި ޓްރާންސެކްޝަނަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އަލީ އުމަރާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި އޭނާ ބުނީ އެ މައުލޫމާތު މިހާރު ހަނދާނުގައި ނެތް ކަމަށާއި އެކަމަކު އެފްއޭއެމްގެ ފައިސާގެ ޓްރާންސެކްޝަންތަކާ ގުޅޭގޮތުން ފުލުހުންގެ ތަހުގީގަށް ދީފައިވާނީ ސައްހަ މައުލޫމާތު ކަމަށެވެ. އެފްއޭއެމްގެ ހިންގުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ ހުރިހާ މަސައްކަތެއް ކުރާނީ ޖެނަރަލް ސެކްރެޓަރީ ކަމަށްވާތީ އެފްއޭއެމް ދުވަހުން ދުވަހަށް ހިންގުމުގައި އެ އިދާރާގެ ރައީސް އަދި ނައިބު ރައީސްގެ މާބޮޑު ދައުރެއް ނޯންނާނެ ކަމަށްވެސް އަލީ އުމަރު ބުންޏެވެ. އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ބައްސާމަށް 5،000 ޑޮލަރުގެ އެލަވެންސެއް ކަނޑައަޅާފައި އޮތް ކަމަށާއި އެކަމަކު އެ އެލަވަންސް ނެގި ކަން ނުވަތަ ނުނަާ ކަން އޭނާއަށް ސާފުވެފައި ނެތް ކަމަށްވެސް ބުންޏެވެ. ޝަރީއަތުގެ ހެކި ބަސް ދިން ފުލުސް އޮފިސަރަކު ބުނީ އެފްއޭއެމްގެ އޮފީހާއި ބައްސާމު ދިރިއުޅޭ ތަން ބަލައި ފާސްކުރިއިރު އެއްވެސް އެއްޗެއް ފޮރުވަން ނުވަތަ އެއްވެސް ލިޔުމެއް ހިފަހައްޓަން ބައްސާމު މަސައްކަތް ކޮށްފައި ނެތް ކަމަށެވެ. މިމައްސަލައިގެ އަޑުއެހުމެއް ދެން އޮންނަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ބައްސާމްގެ ޝަރީއަތް ފަށާފައިވާއިރު ދެ ދައުވާއަށް ދިފާއުވުމަށް ބައްސާމްގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސީނިއާ ވައިސް ޕްރެޒިޑެންޓްގެ އަހްމަދު ޝަކީބް (ޑޮކް) އަދި ކުރީގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު ހުށަަހަޅާފައިވެ އެވެ. ދައުވާތަކަށް އިންކާރުކޮށް ބައްސާމްގެ ވަކީލް ކުރިން ވިދާޅުވީ އެފްއޭއެމަށް ލިބުނު ފައިސާއަށް އޭނާ ހިޔާނަތްތެރިވެފައި ނުވާނެ ކަމަށެވެ. މި މައްސަލައިގައި ޕީޖީ އޮފީހުން ކުރިން ބުނެފައިވަނީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުރިއިރު ބޭންކް އޮފް ސިލޯންގައި އޮތް އެފްއޭއެމްގެ އެކައުންޓަކަށް 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހާ ދެމެދު ފީފާއިން ޖަމާކޮށްފައިވާ ފައިސާގެ ތެރެއިން 10،000 ޑޮލަރު ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ ބީއެމްއެލް އެކައުންޓަކަށް އޯގަސްޓް 2018 ގައި ޖަމާކޮށްފައިވާ ކަމަށެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖުތައް އުނިކުރުމަށްފަހު ކަމަށް ވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ. މި ފައިސާގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށްހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން އައިމިނަތު މައުރީނާގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް އެ ކުންފުނީގެ އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މި ކުށުގެ އަސާސީ އަދަބަކީ 10،000 ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާ އެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

މައުޟޫޢުތަށް