ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި

އަވަސް

29 ޖޫން 2025 | އާދިއްތަ | 6:34

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ފުރަމާނަ މިދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ގާބިލްކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކެެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަތުމާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުންވެސް ކުރިއަށްދާނެ އެވެ. މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ފެބްރުއަރީ 20، 1975 ގައެވެ.

މައުޟޫޢުތަށް