ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންފި

އަވަސް

29 ޖޫން 2025 | އާދިއްތަ | 9:30

ސިންގަޕޫރުގެ ރައީސް ތަރުމަން ޝަންމުގަރަނަމްގެ ދެއްވި ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުހައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ސިންގަޕޫރުގެ އެއާޕޯޓުން މަރުހަބާ ދެންނެވީ އެ ގައުމުގެ މިނިސްޓާ އިން އެޓެންޑެންސް އަދި ސީނިއާ މިނިސްޓާ އޮފް ސްޓޭޓް ފޯ ހެލްތު ޓަން ކިއަ ހޫގެ ދެކަނބަލުންނެވެ. ރާއްޖޭގައި ހުންނަވާ ސިންގަޕޫރުގެ ސަފީރު ސޫ ކޮކް ލެންގުގެ ދެކަނބަލުންނާއި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ލުވެއިޒްވެސް އެއާޕޯޓުން ރައީސްއަށް މަރުހަބާ ދެންނެވި އެވެ. ރައީސްގެ މިދަތުރުފުޅު ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް ޖުލައި ދެވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރު ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، މިހާރަށްވުރެ ބޮޑަށް ދެ ގައުމުގެ ގުޅުން ބަދަހިކުރެވިދާނެ އެކި ދާއިރާތަކުން މަޝްވަރާކުރައްވާނެ ކަމަށެވެ. އެގޮތުން ވިޔަފާރިއާއި، ބިނާވެށި ޕްލޭންކުރުމާއި، ގާބިލްކަން އިތުރުކުރުމާއި، ފަންނީ ހުނަރު ބަދަލުކުރުމާއި، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް، ފަހުމުނާމާތަކެެއްގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބިޒްނަސް ފޯރަމެއްގައިވެސް ބައިވެރިވެވަޑައިގަތުމާއި ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުންވެސް ކުރިއަށްދާނެ އެވެ. މި އަހަރަކީ ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ ފެބްރުއަރީ 20، 1975 ގައެވެ.

މައުޟޫޢުތަށް