ކުޅުދުއްފުށީގައި ރޯޑު ރޭހެއް ބާއްވަނީ

އަވަސް

30 ޖޫން 2025 | ހޯމަ | 5:03

ކުޅުދުއްފުށި ސިޓީގައި "ކުޅުދުއްފުށި 5" ގެ ނަމުގައި ރޯޑު ރޭހެއް ބޭއްވުމަށް ނިންމައިފި އެވެ.

މިއީ ކުޅުދުއްފުށީ ރަނާސްގެ ފަރާތުން އިންތިޒާމުކުރާ ރޭހެކެވެ. މިރޭހުގެ ކަންކަމުގައި ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލްވެސް ބައިވެރިވެ އެވެ. ފަހަކަށް އައިސް ކުޅުދުއްފުށީގައި ކަސްރަތުގެ ގޮތުގައި ދުވުން ވަނީ އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލު ވެފަ އެވެ. ސްޓޭޑިއަމްގެ ޓްރެކުގައި އާއި މަގުތަކުގައިވެސް ދުވާ މީހުން އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެކަޑަމީތަކާ ގުޅިގެން ގްރޫޕް ގްރޫޕަށް ދުވާ މީހުންނާ އާއިލާއާ ރައްޓެހިންގެ ގްރޫޕްތައްވެސް ފެންނަލެއް ގިނަ އެވެ. ޒުވާނުންނާ، ސްކޫލް ކުދިންގެ އިތުރުން ދުވަސްވީ ބައެއް މީހުންވެސް ކަސްރަތުގެ ގޮތުގައި ދުވެ ހިނގާ އުޅޭކަން ފާހަގަކުރެވެ އެވެ. ކުޅުދުއްފުށީގައި ދުވުމުގެ ރޭހެއް ބޭއްވުމަކީ، އާންމުކޮށް ދުވުމުގައި ހަރަކާތްތެރިވާ މީހުންނާއި ކުޅުދުއްފުށީގެ ސްޕޯޓްސް އެކަޑަމީތަކުންވެސް ވަރަށް ބޮޑަށް ބޭނުންވެފައި ތިބި ކަމެކެވެ. "ކުޅުދުއްފުށި 5" އަކީ ދުވަން ބޭނުންވ މީހުންނަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. މި ފަހަރުގެ ރޭހުގައި ހިމެނެނީ ދެ ކެޓަގަރީ އެކެވެ. އެއީ 5 ކިލޯމީޓަރުގެ ދުވުމަކާއި "ފަން މައިލް"ގެ ނަމުގައި ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާ އަދި ބޮޑެތި މީހުންގެ ތެރެއިން މިކަމަށް ޝައުގުވެރިވާ މީހުންނަށް ކަނޑައެޅިފައިވާ ދުވުމެކެވެ. ރޭސްގައި ރަޖިސްޓްރީވެ އަދި ދުވެ ރޭސް ނިންމާ ކޮންމެ ފަރާތަކަށްވެސް މެޑަލް ދިނުމަށް ހަމަޖެހިފައިވެ އެވެ. "ފަން މައިލް" ކެޓަގަރީގައި ވަކި އުމުރުފުރާއެއް ކަނޑައެޅިފައި ނެތްއިރު، 5 ކިލޯމީޓަރު ކެޓަގަރީގައި ބައިވެރިވެވޭނީ އުމުރުން 6 އަހަރުން މަތީގެ ދުވުންތެރިންނަށެވެ. 6 އަހަރުންމަތީގެ ދުވުންތެރިންނަށް ދެ ކެޓަގަރީގައިވެސް ބައިވެރިވެވޭ ގޮތަށް ވަނީ ހުޅުވާލަފަ އެވެ. "ކުޅުދުއްފުށީ ރަނާސް" އަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ ކުލަބެކެވެ. ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރެވިގެން ހިންގާ މި ކުލަބުގެ މައިގަނޑު މަގުސަދަކީ، ދުވުމާ ކަސްރަތާ ގުޅޭ އެކިއެކި ފަންނުތައް ކުރިއެރުވުމެވެ.

މައުޟޫޢުތަށް