ފްލެޓާ ގުޅޭ ކުއްލި މައްސަލައަށް ފުރުސަތު ނުދިން

އަވަސް

30 ޖޫން 2025 | ހޯމަ | 11:54

"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ އިމާރާތްކުރި 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައިފައިވީ ނަމަވެސް އެ ފްލެޓް ހަވާލުކުރުން ލަސްކުރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރުމަށް ހުށަހެޅި ކުއްލި މައްސަލަ ފުރުސަތު ނުދޭން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކުއްލި މައްސަލައިގެ ޝަރުތު އެ މައްސަލައިގައި ހަމަނުވާ ކަމަށެވެ. އެ ގޮތުން ކުއްލި މައްސަލައިގައި ބަޔާންކުރާ ކަމަކީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކާ ގުޅޭ ކަމެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ކަމަށާއި އެ ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހެޅެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ފްލެޓް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދާ ހަމައަށްވެސް ސަރުކާރުން ކުރިއަށް ގެންގޮސްފައި ނުވާތީ އެ ފްލެޓްތައް ލިބޭ މީހުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ބުނެފަ އެވެ. މިއީ ވަރަށް ގިނަ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ މުހިންމު ކަމެއް ކަމަށާއި ބޯހިޔާވަހިކަމުގެ ދަތިކަމަކީ ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަން ފެށުމާއި ކުށުގެ މާހައުލަށް ލެނބިގެން ދިޔުމާއި އަދި އެހެނިހެންވެސް އިޖުތިމާއީ އެތަކެއް މައްސަލަތަކެއްގެ އެންމެ ބޮޑު އަސްލު ކަމަށް ފާހަގަވެފައިވާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ. ފްލެޓް ހަވާލުކުރުން އިތުރަށް ލަސްކުރަމުންދާނަމަ އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ނިކަމެތިވެ އިޖުތިމާއީ މައްސަލަތައް އިތުރުވަމުން ދިޔުމުގެ ނުރައްކާ އޮތް ކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެ އެވެ.

މައުޟޫޢުތަށް