"ކާޑު ލިމިޓް އިތުރުކުރީ ރައްޔިތުންގެ އަތުން އިތުރު ފައިސާތަކެއް ހޯދަން"

އަވަސް

30 ޖޫން 2025 | ހޯމަ | 6:40

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބޭރު ފައިސާގެ ކާޑު ލިމިޓް އިތުރުކުރީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތުހުމަތު ކުރައްވައިފި އެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ ލިމިޓް މާދަމާ އިން ފެށިގެން މަހަކަށް 500 ޑޮލަރަށް ބޮޑުކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ. ނަމަވެސް މި ބަދަލާ އެކު ބީއެމްއެލް އިން ވަނީ ގިނަ ދިވެހިން ރާއްޖެއަށް މުދާ ގަނެގެން ގެންނަ ބައެއް ސައިޓްތަކަށް ފައިސާ ދައްކާއިރު 30 ޕަސެންޓާ ހަމައަށް ފީއެއް ނެގުމަށްވެސް ނިންމާފަ އެވެ. ބޭންކުން މިފަދަ ފީއެއް ނެގުން އާންމުން ސިފަ ކުރަނީ "ފޭރުމުގެ" އަމަލެއްގެ ގޮތުގައެވެ. މިފަދަ ފީއެއް ނަގަން ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ބީއެމްއެލްއަށް އަމާޒުވެފަ އެވެ. ބީއެމްއެލްގެ ސިޔާސަތަކަށް މިއަދު ގެނައި ބަދަލާ ގުޅިގެން ސޯޝަލްމީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލްގެ ބޭރު ފައިސާގެ ކާޑު ލިމިޓް 500 ޑޮލަރަށް އިތުރުކުރުމަކީ ރައްޔިތުންނަށް ލިބުނު ލުޔެއް ނޫން ކަމަށެވެ، "އެއީ ރައްޔިތުންގެ އަތުން އިތުރަށް ފައިސާ ނެގުމަށް ރޭވިފައިވާ މަކަރުވެރި ރޭވުމެއް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލްގެ ރުފިޔާ ޑެބިޓް ކާޑު ބޭނުންކޮށްގެން އީ-ކޮމާސްއިން ކުރާ މުއާމަލާތްތަކަށް މުޅިން އަލަށް 30 ޕަސަންޓުގެ ފީއެއް ނަގަން ނިންމުމާ ގުޅިގެން މުދާ އޮންލައިންކޮށް ގަންނައިރު ޑޮލަރު ރޭޓު ބްލެކް މާކެޓަށް ވުރެ ބޮޑުވާނެ ކަމަށެވެ. "މިއީ ހަމައެކަނި ބޭރު ފައިސާގެ މައްސަލައެއް ނޫން. މިއީ ސަރުކާރުން ބޭރުގެ ފައިނޭންސިން ހޯދުމާއި ރިޒާވް ޒިންމާދާރުކަމާއެކު މެނޭޖްކުރުމުގައި ފެއިލްވުމުގެ ސަބަބުން އުފެދުނު ފައިސާގެ ދަތިކަމުން ބީއެމްއެލްއިން ފައިދާ ނެގުން،" ޝާހިދު ވިދާޅުވި އެވެ. ޝާހިދު އިތުރަށް ވިދާޅުވީ ބީއެމްއެލް އިން މިއަދު ގެނައި ބަދަލަކީ އާންމު ދިވެހި އާއިލާތަކުގެ މައްޗަށް އިގްތިސާދީ ބުރަ ބަދަލުވެ، ހަމަހަމަކަން ގެއްލި، ދުނިޔޭގެ މުދަލަށް ވާސިލުވުމުގެ ފުރުސަތު ހަނިވެ އަދި ދިރިއުޅުމުގެ ހަރަދުގެ ހާލަތު އިތުރަށް ގޯސްވުވަށް ހުޅުވުނޭ ދޮރެއް ކަމަށެވެ. މި ސިޔާސަތުން މައްސަލަ ހައްލެއް ނުވޭ. އާންމު ރައްޔިތު މީހާއަށްވީ ގެއްލުން،" ޝާހިދު ވިދާޅުވި އެވެ.

މައުޟޫޢުތަށް