އެސްއީޒެޑްގެ ފުރަތަމަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި
އަވަސް
1 ޖުލައި 2025 | އަންގާރަ | 12:02
ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ މަޝްރޫއެއްގެ ގޮތުގައި ހިންގާ ސޯލާ ސިޓީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި ބިޒްނަސް ފޯރަމްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އެވެ. ކެނެޑާގެ ކުންފުންޏެއް ކަމަށްވާ އަބްރަކްސަސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޖޭމްސް ކޯލްޓާ އެޑީ އެވެ. މި މަޝްރޫއުގެ ދަށުން 150 މެގަވޮޓްގެ ސޯލާ ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރާނެ އެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ފްލޯޓިން ސޯލާ ޕެނަލްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ކަރަންޓް ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއަށް ހުއްދަ ދިނީ އެޕްރީލް 24، 2024 ގަ އެވެ.