ކުއްތާ ގޮސް އިލޮން މަސްކްގެ ގައިގައި ދަތްއަޅައިފާނެ: ޓްރަމްޕް
އަވަސް
2 ޖުލައި 2025 | ބުދަ | 4:23
ބިލިއަނަރު އިލޮން މަސްކްއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުލްހަވެއްޖެ ކަމަށް ބުނިތާ މަހެއްވެސް ނުވަނީސް އެ ދެ ބޭފުޅުންގެ މެދުގައި އަލުން ދެބަސްވުންތައް ބޮޑުވެއްޖެ އެވެ.
މިފަހަރު ދެބަސްވުން ފެށިފައިވަނީ ޓްރަމްޕްގެ އިގްތިސާދީ ސިޔާސަތުތަކަށް މަސްކް ފާޑުކިޔުމުން، އޭނާގެ ކުންފުނިތަކަށް ދަތިކުރާނެ ކަމަށް ވިދާޅުވެ ޓްރަމްޕް ބިރު ދެއްކެވުމުންނެވެ. މަސްކްއާއި ޓްރަމްޕްގެ ގުޅުން އަލުން ގޯސްވެފައިވަނީ ސެނެޓުން މިދިޔަ ހަފްތާ ބަންދުގައި ޓްރަމްޕްގެ "ބިގް، ބިއުޓިފުލް ބިލް" ކުޑަ އަޣުލަބިއްޔަތަކުން ފާސްކުރުމުންނެވެ. މި ބިލަކީ ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަމަށް ބެލެވޭ، ޓެކްސް ކަނޑައި ހަރަދުކުރުމުގެ ބިލެކެވެ. މި ބިލަށް ދެކޮޅު ހަދައި މަސްކް ހޯމަ ދުވަހު އިއުލާންކުރީ މި ބިލަށް ވޯޓު ދިން ރިޕަބްލިކަން ކޮންގްރެސް މެންބަރުންނާ ދެކޮޅަށް ޕްރައިމަރީ ކެމްޕޭންތައް ފެށުމަށް އޭނާގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުންކުރާނެ ކަމަށެވެ. މަސްކް ވަނީ ހޯމަ ދުވަހުގެ ބޮޑުބައި އަދި އަންގާރަ ދުވަހުގެ ފަތިސް ވަގުތު މި ބިލާއި، ހާއްސަކޮށް އޭގެ ބޮޑެތި ހަރަދުތަކަށް ފާޑުކިޔައި ގިނަ ޕޯސްޓްތަކެއް ހިއްސާކޮށްފަ އެވެ. މަސްކްގެ ފާޑުކިޔުންތަކަށް ޖަވާބުދެއްވަމުން ޓްރަމްޕް ވަނީ މަސްކްގެ ކުންފުނިތަކަށް ސަރުކާރުން ދީފައިވާ ބޮޑެތި ކޮންޓްރެކްޓްތައް ތަހުގީގު ކުރެވިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. ވައިޓް ހައުސްގައި އިއްޔެ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ މަސްކްއަށް ސަރުކާރުގެ ސަބްސިޑީތަކަށް ވުރެ "ގިނަ އެއްޗެހި" ގެއްލިދާނެ ކަމަށާއި، މަސްކް އިސްވެ ހުންނަވައި ހިންގި ޑިޕާޓްމަންޓް އޮފް ގަވަރުމަންޓް އެފިޝިއެންސީ (ސަރުކާރުގެ ކަންކަން ހަރުދަނާކުރުމުގެ ދާއިރާ) އަކީ "އެލޯން ކައިގެންފާނެ ފުރޭތައެއް ފަދަ އެއްޗަކަށް" ވެދާނެ ކަމަށެވެ.