މަސް އެކްސްޕޯޓްކުރި މިންވަރު 66 ޕަސެންޓް އިތުރު

އަވަސް

3 ޖުލައި 2025 | ބުރާސްފަތި | 9:22

ރާއްޖެއިން މަސް އެކްސްޕޯޓްކުރި މިންވަރު 66 ޕަސެންޓް އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖެނުއަރީ އިން މޭ މަހުގެ ނިޔަލަށް ރާއްޖެއިން 38،800 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެ އެވެ. މިއީ ފާއިތުވި 2024 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން ބޭރުކުރި 23،356 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 15،444 މެޓްރިކް ޓަނު އިތުރުވުމެކެވެ.

ރާއްޖެއިން މި އަހަރު އެންމެ ގިނައިން އެކްސްޕޯޓް ކުރީ ކަޅުބިލަ މަހެވެ. އެ ގޮތުން މޭ މަހުގެ ނިޔަލަށް 31،157 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖެއިން އެކްސްޕޯޓްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ބޭރުކުރީ 14،877 މެޓްރިކް ޓަނުގެ ކަޅުބިލަ މަހެވެ. ކަޅުބިލަ މަހުގެ އެކްސްޕޯޓް އިތުރުވި ނަމަވެސް ރީނދޫ އުރަހަ ކަންނެލި ބޭރު ކުރި މިންވަރާއި މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރު ކުރި މަހުގެ މިންވަރު ވަނީ ދަށަށް ގޮސްފަ އެވެ. ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި މިދިޔަ އަހަރުގެ މޭ މަހުގެ ނިޔަލަށް 4،670 މެޓްރިކް ޓަނު ބޭރުކުރިއިރު މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 3،049 މެޓްރިކް ޓަނުގެ މަސް ބޭރުކުރި އެވެ. ނަމަވެސް މި އަހަރުގެ މޭ މަހުގެ ނިޔަލަށް ނިޔަލަށް ރީނދޫ އުރަހަ ކަންނެލީގެ ގޮތުގައި ބޭރުކުރީ 4،002 މެޓްރިކް ޓަނުގެ މަހެވެ. މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި ބޭރުކުރީ 2،604 މެޓްރިކް ޓަނުގެ މަހެވެ.

މައުޟޫޢުތަށް