މަހްޒޫމް އާއި ޝިމަންގެ މައްޗަށް ދައުވާކޮށްފި
އަވަސް
3 ޖުލައި 2025 | ބުރާސްފަތި | 5:49
މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާއަށް އިންސާފު ހޯދައިދިނުމަށް މާލޭގައި ބޭއްވި ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދު އާއި އައިޝަތު ޝިމަންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޔުމްނު އަށް އިންސާފު ހޯދައިދިނުމަށް ގޮވާލި މުޒާހަރާތަކުގެ ތެރެއިން މަހްޒޫމް އާއި ޝިމަން ކުރިން ހައްޔަރުކޮށް އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތުވެސް ޖެހި އެވެ. އެކަމަކު ބަންދުގެ މުއްދަތު ހަމަވުމުން އެ މީހުން ވަނީ ދޫކޮށްލާފަ އެވެ. މަހްޒޫމްގެ މައްޗަށް ދައުލަތުން ކުރަނީ އަނިޔާއެއް ކުރުމުގެ ދައުވާ އެވެ. ޝިމަންގެ މައްޗަށް ކުރަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ އެވެ.
މިދިޔަ އޭޕްރީލް މަހު ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހާއްސަ ކޮމިޝަނެއް އުފައްދަވާފަ އެވެ. ކޮމިޝަނުން އެކުލަވާލި ރިޕޯޓް މިދިޔަ މަހުގެ 17 ވަނަ ދުވަހު ވަނީ އާންމުވެސް ކޮށްފަ އެވެ. ރިޕޯޓްގައި ވަނީ ހ. ފެންޓެނޯއީ ގޭގެ ނުވަވަނަ ފަންގިފިލާގެ ސިޑިގޮޅީގެ ކުޑަދޮރުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.