ހަނިމާދޫ އެއާޕޯޓް ވިއްކާލާކަށް ނޫޅެން: ސައީދު
އަވަސް
5 ޖުލައި 2025 | ހޮނިހިރު | 3:40
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ހަނިމާދޫ އެއާޕޯޓްގެ މައްސަލައިގައި ސަރުކާރުން ވާހަކަދައްކާފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅެއްގައި، ހަނިމާދޫ އެއާޕޯޓް އިންޑިއާގެ އެންމެ ވަރުގަދަ އެއް ކުންފުނި -- އަދާނީ ގުރޫޕަށް ވިއްކާލުމުގެ މަޝްވަރާތަކެއް ކުރި ކަމަށް ތުހުމަތުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދެއްކެވުމާ ގުޅިގެންނެވެ. އަދާނީ ގުރޫޕްގެ ވެރިޔާ ގޯތަމް އަދާނީ އަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވަރަށް އަރިސް ބިލިއަނަރެކެވެ. ތުހުމަތުތައް ދޮގު ކުރައްވަމުން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށް ދޭން އުޅޭ ކަމަށް ބުނެ ފަތަރަމުންދާ ވާހަކައާއި، އެކަމުގައި ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ "ބުޙުތާނު ދޮގެއް" ކަމަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސަައްކަތް ފެށީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހަށް އެ އެއާޕޯޓުގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިމަހުގެ އެއްވަނަ ދުވަހު ވިދާޅުވެފައިވެ އެވެ. ހަނިމާދޫ އެއާޕޯޓުގެ މުޅި މަޝްރޫއުގެ 89 ޕަސެންޓް މިހާރު ވަނީ ނިންމާފަ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރަނީ އިންޑިއަން އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް 320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.