ނައިބުރައީސް ރާއްޖެ ވަޑައިގެންފި

އަވަސް

6 ޖުލައި 2025 | އާދިއްތަ | 9:01

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް ފައިނޭންސިން ފޮ ޑިވެލޮޕްމަންޓްގެ ހަތަރުވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް (އެފްއެފްޑީ4) ގައި ބައިވެރިވެވަޑައިގަތުމަށް ސްޕެއިންގެ ސެވިލްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި ނައިބުރައީސް ވަނީ އެފްއެފްޑީ4 ގެ ހުޅުވުމުގެ ރަސްމިއްޔާތާއި އަދި މަތީ ފެންވަރުގެ ގިނަ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި ނައިބުރައީސް ވަނީ މިކޮންފަރެންސްގައި ބޭއްވި މަލްޓި-ސްޓޭކްހޯލްޑާ ރައުންޑްޓޭބަލް 6: "ރިފޯމިން ދަ އިންޓަރނޭޝަނަލް ފައިނޭންޝަލް އާކިޓެކްޗާ އެންޑް އެޑްރެސިން ސިސްޓެމިކް އިޝޫސް" ގައި ތަގުރީރު ކުރައްވާފަ އެވެ. ނައިބުރައީސްގެ ވާހަކަފުޅުގައި، ދުނިޔޭގެ މާލީ ނިޒާމު އިސްލާޙުކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވާ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ހަމަހަމަ ތަމްސީލުކުރުން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަށާއި، އިންސާފުވެރިކަމާއެކު ކްރެޑިޓް ރޭޓިން ދިނުމަށް ގޮވާލައްވާފައިވެ އެވެ. ނައިބުރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއިން އިސްނަގައިގެން މި ކޮންފަރެންސްގެ ހަވާސާގައި ބޭއްވި އިތުރު ހަރަކާތްތަކުގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. މި ހަރަކާތްތަކުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ދެމެހެއްޓެނިވި އިގުތިސާދެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތައް ފާހަގަކުރައްވާފަ އެވެ. މީގެ ތެރޭގައި މުރަކަ އިންޝުއަރެންސް އިނީޝިއޭޓިވް ތަޢާރަފުކުރުމާއި، ޒުވާނުންނާއި އަންހެނުން ހިންގާ ވިޔަފާރިތަކަށް އިސްކަންދީގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެމްއެސްއެމްއީ) ތަކަށް އަހައްމިއްޔަތުކަން ދިނުން ހިމެނެ އެވެ. މީގެ އިތުރުން، ނައިބުރައީސް ވަނީ އެފްއެފްޑީ.ގެ ހަވާސާގައި ކުރިއަށްދިޔަ "ޑެޓް ސަސްޓޭނަބިލިޓީ ސަޕޯޓް ސާވިސް" އިވެންޓްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެފްއެފްޑީ4 ކުރިއަށް ދިޔައީ މިދިޔަ ޖޫން 30 އިން މިމަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

މައުޟޫޢުތަށް