"ދިވެހިރާއްޖެ 2.0 މަޝްރޫއާއެކު ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނުވާނެ"

އަވަސް

6 ޖުލައި 2025 | އާދިއްތަ | 7:00

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހްކޮށްދެއްވާފައިވާ ދިވެހިރާއްޖެ 2.0 މަޝްރޫއަކީ، ދިވެހި ސިއްހީ ދާއިރާއަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ މިއަދު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. ސާޖިދާ ވިދާޅުވީ ގައުމެއް ތަރައްގީ ކުރުމުގައި އެ ގައުމެއްގެ ސިއްހަތު ކިތަންމެހާވެސް މުހިއްމު ކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ސިއްހަތުވެސް ހިމެނޭ ކަމަށެވެ. ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަހައްދުގައި ސިއްހީ ފަރުވާ ކަށަވަރު ވެފައި އޮތުމަކީ ކޮންމެހެން މުހިއްމު ކަމެއްކަންވެސް ފާހަގަކުރެއްވި އެވެ. ވަކީން ހާއއްސަކޮށް ފަންނިއްޔާތާއެކު ސިއްހީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމުގައި ވިދާޅުވި އެވެ. މިރަސްމިއްޔާތުގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އާ ހިދުމަތްތަކެއްވެސް އިފްތިތާހް ކޮށްފަ އެވެ. އެގޮތުން ޓެލެމެޑެސިންގެ ހިދުމަތާއި އެންޑޯމެޓްރިއޯސިސް ހިދުމަތް އިފްތިތާހްކޮށްދެއްވެވީވެސް މެޑަމް ސާޖިދާ އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ހިދުމަތް އިފްތިތާހްކޮށްދެއްވީ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަހްމަދު އަޝްރަފް އެވެ. ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ހަވާލުކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ. އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން ހޮސްޕިޓަލަށް ހިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީ ފިލާ ޙަވާލުކޮށްދެއްވުން މިޖަލްސާގައި އޮތެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހދ ކުޅުދުއްފުއްޓަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެއަށްފަހު އެކަމަނާ ވަނީ ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން، އެ ހޮސްޕިޓަލްގެ ހާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުވެސް ކުރައްވާފަ އެވެ.

މައުޟޫޢުތަށް