ތިނަދޫ މޭޔަރު ސަސްޕެންޑް ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފި

އަވަސް

6 ޖުލައި 2025 | އާދިއްތަ | 10:00

ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރު ސައުދު އަލީއަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

ސައުދު ވިދާޅުވީ އެ މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހެޅީ އޭނާ ސަސްޕެންޑް ކުރުމުގައި އެލްޖީއޭ އިން ގާނޫނާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެވެ. "އެލްޖީއޭ އިން ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށް ފިޔަވަޅު އަޅާފައިވަނީ ސިޔާސީ ބޭނުމެއްގައި. މިއީ ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރެއްގެ ހިތްހަމަޖެހުމަށް ކޮށްފައިވާ ކަމެއް،" ސައުދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ތިނަދޫ ކައުންސިލާ ގުޅުންހުރި މައްސަލަތަކެއްގެ އިންކުއަރީއެއް އެލްޖީއޭ އިން ކުރިއަށް ގެންދިޔައިރު ތިނަދޫ ކައުންސިލުން އެއްބާރުލުން ނުދޭ ކަމަށް އެލްޖީއޭ އިން ބުނާ ބުނުމަކީވެސް ހަގީގަތާ ހިލާފު ތުހުމަތެއް ކަމަށެވެ.

ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން ކައުންސިލްގެ އިންކުއަރީއެއް އެލްޖީއޭ އިން ހެދީ މިދިޔަ މާޗް މަހު އެވެ. އެލްޖީއޭ އިން އެކުލަވާލި މިކަމާ ގުޅޭ ރިޕޯޓަށް ޖަވާބުދާރީވުމަށް ކައުންސިލަށް ހަތް ދުވަހުގެ ފުރުސަތުވެސް ދިނެވެ. ކައުންސިލުން ވަނީ އިންކުއަރީއަށް އޭރު ޖަވާބުވެސް ދީފަ އެވެ. އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއްވެސް ހިމަނާފަ އެވެ. އެލްޖީއޭ އިން ވަނީ ތިނަދޫ ކައުންސިލްގައި ހުރި މައްސަލަތަކާ ގުޅިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް މޭޔަރު ސައުދު ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މީގެއިތުރުން ކައުންސިލަރުން ކަމަށްވާ އަހުމަދު ވަހީދާއި މުހައްމަދު ޒަލީފް އަބްދުﷲއާއި އައިމިނަތު ނަސީމާގެ އިތުރުން އަހްމީމާ އަހްމަދަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދޫކޮށްފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށްވެސް އަންގާފައިވެ އެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަނަށްވެސް ނަސޭހަތްތެރިވުމާ އެކު ގަވާއިދާ ހިލާފަށް ނެގި އެލަވަންސާއި ފައިސާ އަނބުރާ ރައްދުކުރުމަށްވެސް އަންގާފައިވެ އެވެ.

މައުޟޫޢުތަށް