ރައީސް މުއިއްޒު، އެމެރިކާގެ ރައީސަށް ހަމްދަރުދީ ފޮނުއްވައިފި
އަވަސް
7 ޖުލައި 2025 | ހޯމަ | 8:53
އެމެރިކާގެ ޓެކްސަސްގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބުމާ ގުޅިގެން އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމްދަރުދީ ފޮނުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަފާޅުކުރައްވައި، މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށާއި، ހާލުގައި ޖެހުނު އެންމެހައި ފަރާތްތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. މީހުން ސަލާމަތްކުރުމަށާއި، ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީފޯރުކޮށްދިނުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބަށް އެދިވަޑައިގެން، މި ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް، އަވަސް ފުރުސަތެއްގައި ކުރީގެ ދިރިއުޅުން އިއާދަކުރެވޭނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ވިދާޅުވެފަ އެވެ. ޓެކްސަސްގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، އެ ސަރަހައްދުގެ ކޯރެއް ވަނީ ބަންޑުންވެފަ އެވެ.