ގޯތި ދޫކުރުމުގެ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށު އަރާތީ: މުއްތަލިބް
އަވަސް
7 ޖުލައި 2025 | ހޯމަ | 12:46
ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ގާނޫނާ ފުށު އަރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް ހިއްސާކުރައްވާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކުރާ ކަމަށެވެ. ބިިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ ދިވެހިންނަށް ކަމަށެވެ. އެ މާއްދާގެ (ނ) ގައި ބުނަނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެއްވެސް މީހަކަށް އެއްރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށްވުރެ ގިނަ ގޯތި ދޫ ނުކުރެވޭނެ ކަމަށެވެ. މީހަކަށް ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ގާނޫނުގެ ދަށޫން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށްވެސް ބުނެފައިވެ އެވެ. "ބިންވެރިޔާ ސްކީމުން ގޯތިދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ގެނެވުނު ބަދަލު ގެނެވުނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ޤާނޫނާ ފުށުނާރާ ގޮތަށް ކަމަށްވާތީ،" މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވި އެވެ.