ފަނޑިޔާރުންގެ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދަނީ
އަވަސް
7 ޖުލައި 2025 | ހޯމަ | 9:00
ފަނޑިޔާރުންގެ ގާނޫނަށް އާއްމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފި އެވެ.
ފަނޑިޔާރުންގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުތަކާ މެދު މަޖިލީހުގައި ބަހުސް ކުރުމަށްފަހު މިއަދު ވަނީ ބިލް މަޖިލީހަށް ބަލައިގަނެ، ކަމާ ގުޅޭ ކޮމިޓީއަށްވެސް ފޮނުވާފަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އެވެ. ބިލު ހުށަހެޅީ ފަނޑިޔާރުންނަކީ، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ގޮތަށް އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަކަށް މަސްއޫލިއްޔަތު އަދާކުރާ ބައެއް ކަން ކަށަވަރުކުރުމާއި ފަނޑިޔާރުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތައް ގާނޫނުގައި ކަނޑައެޅުމަށެވެ. ސަރުކާރުން ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އުސޫލުތައް އިތުރަށް ތަފްސީލް ކުރުމާއި ފަނޑިޔާރުން އައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާ ގުޅޭ އުސޫލުތައް ތަފްސީލް ކުރުމުގެ އިތުރުން ފަނޑިޔާރުން މާލީ ބަޔާން ހުށަހެޅުމުގެ އުސޫލުތައް ހިމަނާފައިވެ އެވެ. އިސްލާހުތަކުގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރަކާ މައްސަލައެއް ހަވާލުކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އެ މައްސަލާގައި ގޮތެއް ކަނޑައެޅިފައި ނުވާނަމަ، އެކަން ސަބަބާ އެކު ކޯޓުގެ އިސް ފަނޑިޔާރަށާއި ޖޭއެސްސީއަށް އަންގަން ޖެހޭނެ އެވެ. އަދި އެ މައްސަލަ ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަހަކު އެއް ފަހަރު އިސް ފަނޑިޔާރަށް މައުލޫމާތު ދޭން ޖެހޭނެ ކަމަށްވެސް އިސްލާހުގައިވެ އެވެ. މީގެ އިތުރުން ފަނޑިޔާރުންނަށް މަގާމުގެ ކުރިއެރުން ދޭން ހާއްސަ ކޮމިޓީއެއް އެކުލަވާލައި ފަނޑިޔާރުންގެ ފެންވަރު ވަޒަންކުރުމަށް ފަހު، މަސައްކަތުގެ ފެންވަރު ބެލުނު ގޮތާއި ކަނޑައެޅުނު ނަތީޖާ އާއި އެ ނަތީޖާއަށް ވާސިލުވި ގޮތުގެ ރިޕޯޓެއް އެކުލަވާލައި އެ ރިޕޯޓުގެ ކޮޕީއެއްވެސް ފަނޑިޔާރަށް ދޭންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.