ކައުންސިލްތަކުގެ އިންކުއަރީ ރިޕޯޓުތައް އާންމުކުރަން ނިންމައިފި

އަވަސް

7 ޖުލައި 2025 | ހޯމަ | 10:00

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކުރިއަށް ގެންދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓް ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރުމަށް ނިންމައިފި އެވެ.

ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިކަން ހާމަކުރައްވާފައި މިވަނީ އެލްޖީއޭ އިން ތިނަދޫ ސިޓީ ކައުންސިލްގެ އިންކުއަރީއެއް ހެދުމަށްފަހު ތިނަދޫގެ މޭޔަރު ސައުދު އަލީއަށް މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރި މައްސަލަ އޭނާ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ. ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވީ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ކުރިމަގުގައި އާންމުކުރަން ނިންމީ އެލްޖީއޭގެ "ޓްރާސްޕޭރަންސީ" އިތުރު ކުރުމަށް ކަމަށެވެ. މީގެއިތުރުން ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރު ކުރުމަށް މަގުފަހިކޮށްދިނުމާއި "ގުޑް ގަވާނަންސް"ގެ ހަމަތައް ދަމަހައްޓަން މަގުފަހިކޮށްދިނުމަކީވެސް ރިޕޯޓްތައް އާންމުކުރަން ނިންމި ބޭނުމެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ. އެލްޖީއޭއިން ކައުންސިލްތަކުގެ އިންކުއަރީ ހަދަނީ ކައުންސިލަކާ ގުޅިގެން އެ އޮތޯރިޓީއަށް ހުށަހަޅާ ކަންކަމާމެދު އޮތޯރިޓީގެ ބޯޑުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު އެވެ. މިފަދަ މައްސަލައެއްގައި ކައުންސިލަކާ މެދު ފިޔަވަޅު އަޅާނީ އިންކުއަރީއަށް ބެލުމަށްފަހު ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓްރީން ބުނެ އެވެ.

މައުޟޫޢުތަށް