ގޯތީގެ އެއްބަސްވުމަށް ބަދަލު ގެނައުމުން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

އަވަސް

8 ޖުލައި 2025 | އަންގާރަ | 9:26

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންނާމެދު ކުރިން ހެދި އެއްބަސްވުންތައް އުވާލައި އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް ސަރުކާރުން މަޖުބޫރު ކުރުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް އެވެ. މި ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭ މީހުން ކަނޑައަޅައި އެ ލިސްޓް ގެޒެޓްކޮށް ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން އެ މީހުންނާއެކު ސޮއިކޮށްފައިވާ ކަމަށެވެ. ކުރީގެ ސަރުކާރުން ހެދި އެ އެއްބަސްވުން ގާނޫނީ ގޮތުން ފުށޫ އަރާ ކަމަށް ބުނެ އެ އެއްބަސްވުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. "ކުރީގެ އެއްބަސްވުން މި ސަރުކާރުން އުވާލައި ގޯތި ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމަށްފަހު އަލަށް ހެދި އުސޫލުގެ ދަށުން އެކުލަވާލި އެއްބަސްވުމުގައި ސޮއިކުރުމަށް ގޯތި ލިބުނު މީހުންނަށް މަޖުބޫރުވާ ގޮތަށް ސަރުކާރުން އަންގަވަމުންދާ ހިނދު،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވި އެވެ. މެންބަރު ވިދާޅުވީ ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހިންގަން ނިންމާފައިވާ މުއާމަލާތެއްގެ އެއްބަސްވުން ސަރުކާރުން އަމިއްލައަށް އުވާލައި އެއްބަސްވުމުގެ ޝަރުތުތަކާއި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވާ ކަންކަން އަމިއްލަ އަމިއްލައަށް ކަނޑައެޅުމަށްފަހު އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ގާނޫނާ ހިލާފު ކަމެެއް ކަމަށެވެ.

މައުޟޫޢުތަށް