ޣައްޒާއިން ރައްޔިތުން ބާލަން ނަތަންޔާހޫ އާއި ޓްރަމްޕް މަޝްވަރާ ކުރައްވައިފި
އަވަސް
8 ޖުލައި 2025 | އަންގާރަ | 8:14
އިޒްރޭލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރައްވައި ޣައްޒާގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެހެން ގައުމުތަކަށް ބަދަލުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވައިފި އެވެ.
މި ހުށަހެޅުމަކީ ދުނިޔޭގެ ގައުމުތަކުން ހާއްސަކޮށް އަރަބި އިސްލާމީ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށް އަދި ވަރަށް ބޮޑަށް ބަހުސް އުފައްދާފައިވާ މައްސަލަ އެކެވެ. ޓްރަމްޕް އާއި ނެތަންޔާހޫ ބައްދަލުކުރައްވާފައި ވަނީ ހޯމަ ދުވަހުގެ ރޭ ވައިޓް ހައުސްގެ ބްލޫ ރޫމްގައި ރޭގަނޑުގެ ފަރިއްކޮޅަށްފަހު އެވެ. މިބައްދަލުކުރެއްވުން ކުރިއަށް ދިޔައީ އިޒްރޭލާއި ހަމާސްއާ ދެމެދު ގަތަރުގައި ކުރިއަށްދާ މަޝްވަރާތައް ކޮންމެވެސް ވަރަކަށް ކުރިއަރާފައިވާކަމުގެ އަލާމާތްތައް ފެންނަން ފަށާފައި ވަނިކޮށެވެ. މި މަޝްވަރާތަކަކީ އެމެރިކާގެ އެހީތެރިކަމާއެކު ޣައްޒާގައި 21 މަސް ދުވަސް ވެފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަކަށް ދިއުމަށް ކުރިއަށްދާ މަޝްވަރާތަކެކެވެ. ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނެތަންޔާހޫ ވިދާޅުވީ ފަލަސްތީން ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް އެމެރިކާ އާއި އިޒްރޭލުން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަތަންޔާހޫ ހުށަހެޅުއްވީ ޣައްޒާގެ ރައްޔިތުންނަށް އަވަށްޓެރި ގައުމުތަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށެވެ. ނަތަންޔާހޫ ވިދާޅުވީ ޣައްޒާގައި މަޑުކުރަން ބޭނުންވާ މީހުންނަށް މަޑުކުރެވިދާނެ ކަމަށާއި އެމީހުންނަށް އެ ތަން ޖަލަކަށް ވެގެން ނުދާނެ ކަމަށެވެ. "އެތަނަކީ ހުޅުވާލެވިފައިވާ ތަނަކަށް ވެގެން މީހުންނަށް މިނިވަން އިޚްތިޔާރެއް ލިބޭނީވެސް،" ނަތަންޔާހޫ ވިދާޅުވި އެވެ. ނަތަންޔާހޫ އިތުރަށް ވިދާޅުވީ ފަލަސްތީނު ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ބޭނުންވާ ގައުމުތަކާ އެކު އަބަދުވެސް އެމެރިކާއާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އަޅުގަނޑުމެންނަށް ކުއްލިއަކަށް ހިތްހަމަޖެހޭ އަދަދެއްގެ ގައުމުތަކެއް ފެންނަން ކައިރިވެފައިވާ ކަމަށް ގަބޫލުކުރެވޭ،" ނަތަންޔާހޫ ވިދާޅުވި އެވެ.