ސިއްހީ ހިދުމަތަކީ އެތައް ހަނދާނެއް ގުޅިފައިވާ ކަމެއް: ސާޖިދާ
އަވަސް
10 ޖުލައި 2025 | ބުރާސްފަތި | 9:15
ސިއްހީ ހިދުމަތަކީ ތަފާތު ހަނދާންތަކާއި ތަފާތު ތަޖުރިބާތަކާއި ތަފާތު އިހްސާސްތަކާ ގުޅިފައިވާ ހިދުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ ފޭދޫ ސިއްހީ މަރުކަޒުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވަނީ ފޭދޫގައި ޑަކްޓަރީ ބޭސްފަރުވާގެ ހިދުމަތް ދޭން ފެށި ގޮތާއި މިހާރުގެ ހާލަތަށް ބައްލަވާލައްވާފަ އެވެ. އ އައްޑޫ ސިޓީ މަރަދޫފޭދޫ، ތްރީއެސް ލައުންޖުގައި މިއަދު ހަވީރު ކުރިއަށް ދިޔަ ޖަލްސާގައި ސާޖިދާ ދެއްކެވި ވާހަކަފުޅުގައި ސިއްހީ ހިދުމަތުގެ ދާއިރާގައި ހިތްހެޔޮކަމާއި ކެތްތެރިކަން އިސްކުރުމާއި ކަންކަމުގެ އަސްލު މައްސަލަ ދެނެގަންނަން ހިމޭންކަމާއި ވިސްނުންތެރިކަމާއެކު މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ވިދާޅުވި އެވެ. ފޭދޫ ސިއްހީ މަރުކަޒަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ހަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު ދިނުންވެސް މިޖަލްސާގައި ކުރިއަށް ދިޔަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފޭދޫ ސިއްހީ މަރުކަޒަށް 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ. މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފޭދޫ ސިއްހީ މަރުކަޒުގެ ހާލަތު އޮޅުންފިލުއްވާފަ އެވެ.