ކާމިޔާބު ސިއްހީ ނިޒާމުގެ މުގުލަކީ ހަމްދަރީ: ސާޖިދާ
އަވަސް
11 ޖުލައި 2025 | ހުކުރު | 2:40
ކާމިޔާބު ކޮންމެ ސިއްހީ ނިޒާމެއްގެ މުގުލުގައި ވަނީ ހަމްދަރުދީވުމާއި، އިހްލާސްތެރިކަމާއި، އިންސާނިއްޔަތަށް ކުރާ ހިދުމަތްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ދަތުގެ ކޮންފަރަންސް "ހިނިތުން 2025"ގެ އިފްތިތާހީ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެކަމަނާ ވަނީ ކޮންފަރަންސުން ހާސިލްކުރެވޭ ކަންކަމުގެ އަލީގައި ދަތުގެ ސިއްހަތާ ގުޅުންހުރި މޮޑެލްތައް، ބަދަލުވަމުން އަންނަ އާބާދީގެ ބޭނުންތަކާ އެއްއުއިވާ މޭރުމަކުން އަލުން ބައްޓަން ކުރެއްވުމަށް އިލްތިމާސް ކުރައްވާފަ އެވެ.
މީގެ އިތުރުން ބަލި ޖެހުމުގެ ކުރިން ރައްކާތެރިކަން ހޯދުމާއި، ފަންނިއްޔާތާއި އީޖާދުކުރުމުގެ އެހީގައި މެދުކެނޑުމެއް ނެތި އުނގެނެމުންދިއުމާއި، ހިދުމަތް ހޯދުމަށް ހުރި ފުރުސަތުތައް އިތުރުކުރުން ފަދަ ވަށާޖެހޭ ވިސްނުންތައް އިސްކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ. މެޑަމް ސާޖިދާ ވިދާޅުވީ ސިއްހީ ދާއިރާގައި ޖުމުލަ ގޮތެއްގައި ހޭލުންތެރިކަން އިތުރުވަމުން ދިޔަ ނަމަވެސް ދަތާއި އަނގައިގެ ސިއްހަތުގެ ކަންކަމަކީ ނިސްބަތުން ސަމާލުކަން ނުދެވޭ ދާއިރާތަކެއް ކަމަށެވެ. އެހެންވެ އެކަމަނާ ވަނީ އެ ދާއިރާއިންވެސް ކުރިއެރުން ހޯދުމަށް ހުރި ފުރުސަތުތައް ފާހަގަކުރައްވާފަ އެވެ. އަދި އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، ސިއްހަތަށް ރަނގަޅު ކާނާ އިހްތިޔާރުކުރުމާއި، ގަވާއިދުން ދަތުގެ ޗެކަޕްތައް ހެދުމަކީ، ދަތުގެ ސިއްހަތުގެ މުހިއްމު ބަހާތައް ކަމުގައި ވިދާޅުވި އެވެ.