އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވަނީ

އަވަސް

12 ޖުލައި 2025 | ހޮނިހިރު | 11:52

ރާއްޖޭގެ އިސްލާމީ ކުތުބުހާނާ މިރޭ ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިގިލާގައި ތަރައްގީކޮށްފައިވާ އިސްލާމީ ކުތުބުހާނާ ހުޅުވިގެންދާނީ 15،000 އަށްވުރެ ގިނަ ފޮތާއެކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގޮތުގައި މި ކުތުބުހާނާ ވެގެންދާނީ އިސްލާމީ ދިރާސާ ކުރާ ފަރާތްތަކަށް ވަރަށް ހިތްގައިމު މާހައުލަކަށެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައި ހުރި އަދި މިހާރު އިމާރާތްކުރަމުންދާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުހާނާ ގާއިމްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ލައިބްރަރިތައް ގާއިމްކުރުމަށް ބޭނުންވާ ފޮތްތައް ބޭރުގެ ޔުނިވާސިޓީއަކުން ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ހއ. ދިއްދޫ އާއި ރ. އުނގޫފާރާއި ތިނަދޫ ސިޓީ އާއި އައްޑޫ ސިޓީގެ އިސްލާމިކް ސެންޓާ ލައިބްރަރީގެ އިތުރުން އަތޮޅުތަކުގައި ގާއިމުކުރެވޭ އިސްލާމިކް ލައިބްރަރީތަކަށް ބޭނުންވާ ފޮތްތައް އެކުވެރި ގައުމެއްގެ ޔުނިވާސީޓީއަކުން ހަމަޖެހިފައިވާ ކަމަށާއި މި ގޮތުން 60،000 ފޮތް ލިބޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

މައުޟޫޢުތަށް