ޔޫރަޕުން ރާއްޖޭގެ މަސް ކުންފުންޏެއް ބްލެކް ލިސްޓެއް ނުކުރޭ: ޝިޔާމް

އަވަސް

13 ޖުލައި 2025 | އާދިއްތަ | 9:41

ޔޫރަޕުގެ އެއްވެސް ގައުމަކުން ރާއްޖޭގެ އެއްވެސް މަސް ކުންފުންޏެއް ބްލެކް ލިސްޓުކޮށްފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އާއި ރާއްޖޭގެ އެެހެން މަސް ކުންފުނިތައް ބްލެކްލިސްޓު ކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަ ދޮގުކޮށް މިނިސްޓަރު ޝިޔާމް ވިދާޅުވީ ޔޫރަޕުގެ ގައުމުތަކުން ރާއްޖޭގެ މަސް ކުންފުނިތަކުން ވިޔަފާރި ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރު ޝިޔާމް ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވިޔަފާރިއަކުން މިފްކޯއާއެކު ވިޔަފާރީގެ އެއްބަސްވުމަކާ މެދު މަޝްވަރާކުރުމަށް ރާއްޖެއައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފަ އެވެ. މިފްކޯ އާއި ރާއްޖޭގެ މަސް ކުންފުނިތައް އިނގިރޭސި ވިލާތާއި އީޔޫ އިން ބްލެކްލިސްޓު ކޮސްފައިވާ ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާ ހަބަރާ ގުޅިގެން މިފްކޯއިންވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ. މިފްކޯއިން ބުނީ އެފަދަ އެއްވެސް ފިޔަވަޅެއް އެ ކުންފުންޏާމެދު އަޅާފައި ނުވާ ކަމަށާއި އެހެން އެއްވެސް މަސް ކުންފުންޏަކާ މެދުވެސް އެފަދަ ފިޔަވަޅެއް އަޅާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.

މައުޟޫޢުތަށް