އެމްސީއެސްގެ އޮފިސަރުންތަކެއް ލަންކާގެ ޓްރެއިނިންއެއްގައި ބައިވެރިވެއްޖެ

އަވަސް

13 ޖުލައި 2025 | އާދިއްތަ | 12:54

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ޖަލުތަކުގައި ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ އޮފިސަރުންގެ ޓީމެއް ފުރަތަމަ ފަހަރަށް ރާއްޖޭން ބޭރުގައި ހިންގި "ކައުންސެލިން އެންޑް މެންޓަލް ހެލްތް” ޓްރޭނިން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު މާލެ އަތުވެއްޖެ އެވެ.

ސްރީ ލަންކާގެ ނިގަންބޯގައި ހިންގި މި ޓްރޭނިން ޕްރޮގްރާމްއަކީ 10 ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމްގައި މި އެމްސީއެސްގެ ތިން ޖަލާއި ހެޑް އޮފީހުގެ އޮފިސަރުން ހިމެނޭ ގޮތަށް ޖުމްލަ ނުވަ އޮފިސަރުންނާއި ސިވިލް މުވައްޒަފެއް ބައިވެރިވި އެވެ. މި ޕްރޮގްރާމްގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ސްރީ ލަންކާގެ ޕްރިޒަންސް ޑިޕާޓްމަންޓްގެ ކޮމިޝަނާ ޖަގަތު ވީރަސިންގައެވެ. އަދި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްސީއެސް އިން ބުނި ގޮތުގައި މި ޓްރޭނިން ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ރީހެބިލިޓޭޝަން ދާއިރާގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމާ އެމްސީއެސްގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމުގެ އިތުރުން މި ޓްރޭނިން ޕްރޮގްރާމްގެ ނަތީޖާއެއްގެ ގޮތުން ގައިދީން ރަނގަޅަށް ރީހެބިލިޓޭޓްކޮށް މުޖުތަމައުއަށް އަހުލުވެރިކުރެވިގެން ދިއުމެވެ. މި ޓްރޭނިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ލަންކާގެ ހެލްޕިން ހޭންޑް ސައިކޮލޮޖިކަލް ހޮސްޕިޓަލްއާ ގުޅިގެންނެވެ. މި ޓްރޭނިން ޕްރޮގްރާމްގައި ބައިވެރިވި ޓީމް ވަނީ ލަންކާގެ ޖެނެރަލް ސާ ޖޯން ކޮޓެވާލާ ޑިފެންސް ޔުނިވާސިޓީއަށް ޒިޔާރަތްކޮށްފައެވެ.

މައުޟޫޢުތަށް