އެކްސިޑެންޓްގައި މަރުވީ ތޭރަވާއާއި އަޝްފާގެ ދަރިފުޅު

އަވަސް

13 ޖުލައި 2025 | އާދިއްތަ | 11:00

މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަރުވީ މަޝްހޫރު ދެ ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ހުންނަ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ކަން އެނގިއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ މާފަންނު ބަސް ޓާމިނަލް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އެދިމާލުގައިވާ ކަފިހިހުރަސް މަތިން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހިފައި އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގައި ޖެހިގެން ކަމަށެވެ. ސައިކަލްގައި ތިބީ އުމުރުން 16 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖެކެވެ. އެ އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ތިން މީހަކަށް ފަރުވާ ދިން ނަމަވެސް އެތަނުން 17 އަހަރުގެ ކުއްޖާ މަރުވެފައިވާ ކަމަށް ފުލުހުން ޔަގީންކޮށްދެ އެވެ. މަރުވީ އަލްސަން ކަމަށް އެނގިފައިވެ އެވެ. ފަރުވާ ހޯދަމުންދާ އަނެއް ދެމީހުންގެ ހާލުވެސް ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި 40 އަހަރުގެ ފިރިހެނެކަށެވެ. އެކްސިޑެންޓްގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލް މަގު ހުރަސްކުރި މީހާގެ ގައިގައި ޖެހިފައި އެ ސައިކަލް ގޮސް ޖެހެނީ އެ މަގުން ދުއްވާފައި އައި ޕިކަޕެއްގައެވެ. ސައިކަލްގައި ތިބި ކުދިން ޕިކަޕް ދަށުވާ މަންޒަރުވެސް ފެނެ އެވެ. މާލޭގައި މިރޭ އެކްސިޑެންޓްވި ސަރަހައްދުގައި މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކު މަރުވެފައިވެ އެވެ.

މައުޟޫޢުތަށް