ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރި ކޮމިޝަން އުވާލައްވައިފި
އަވަސް
13 ޖުލައި 2025 | އާދިއްތަ | 8:58
ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން އެ ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަން އުވާލައްވައިފި އެވެ.
ރައީސް މުއިއްޒު މިދިޔަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެންމެ ފުރަތަމަ ކޮމިޝަން އުފެއްދެވީ ތިން މެންބަރުން އެކުލެވޭ ގޮތަށެވެ. އެގޮތުން ކޮމިޝަންގައި އޭރު ހިމެނުއްވި ބޭފުޅުންނަކީ ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރާއި، މަޝްހޫރު ކަށީގެ ޑޮކްޓަރު މުހައްމަދު ހަބީބުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު އެވެ. އެކަމަކު އެ ކޮމިޝަނަށް މިދިޔަ އޭޕްރީލް 28 ވަނަ ދުވަހު ބަދަލުތަކެއް ގެންނަވާފައިވެ އެވެ. އެ ބަދަލު ގެންނެވީ ކޮމިޝަންގެ މެންބަރު ކަމުން ޑރ. ހަބީބް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ކޮމިޝަނަށް ފަހުން ބަދަލު ގެންނެވިއިރު ޑރ. މުނައްވަރާއި، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދާ އެކު އިތުރު ތިން ބޭފުޅުން ހިމެނުއްވި އެވެ.
ބޮޑެތި ބާރުތަކެއް ދީފައި އޮތް ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓެވީ ޑރ. މުނައްވަރެވެ. ކޮމިޝަން އުވާލައްވާފައި މިވަނީ ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކޮށް، ކޮމިޝަންގެ ރިޕޯޓް އާންމުކޮށްފައި ވަނިކޮށެވެ.