ޕީއެސްޖީ ބަލިކޮށް ޗެލްސީން ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި
އަވަސް
15 ޖުލައި 2025 | އަންގާރަ | 9:00
އެމެރިކާގެ ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ ފައިނަލް މެޗެއްގައި ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ) ބަލިކޮށް ޗެލްސީ، ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފި އެވެ.
މި މޮޅާއެކު ޗެލްސީން މިވަނީ މި ސީޒަންގައި މޭ މަހު ހޯދި ކޮންފަރެންސް ލީގު ތައްޓަށް އިތުރު ބޮޑު ކާމިޔާބީއެއް އިތުރުކޮށްފަ އެވެ. މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ ޕަލްމަ އެވެ. އޭނާ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ދެ ގޯލު ޖަހާފައިވާއިރު، ޓީމުގެ ތިންވަނަ ގޯލު ޖޯއޯ ޕެޑްރޯ ޖަހަން ފުރުސަތު ފަހިކޮށްދިނީވެސް ޕަލްމަ އެވެ. ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީއަށް މި މެޗުން ބަލިވުމާއެކު، އެ ޓީމުގެ އަޖައިބު ކުރުވަނިވި ސީޒަންގެ ފަސްވަނަ ތަށި ގެއްލިގެން ދިޔައީ އެވެ. މި މެޗު ބެލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ދަނޑަށް ވަޑައިގެންނެވި އެވެ.