ވަޒީރު ކަމެއްގައި ބިޒީވެ، ސައުދީ ޕްރިންސާ ގުޅޭ ސުވާލުގެ ޖަވާބެއް ނެތް
އަވަސް
14 ޖުލައި 2025 | ހޯމަ | 9:19
ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބައްދަލުކުރެއްވި "ޕްރިންސް" ފަހަދް ސައުދު އަލްޝަލަންއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް ވަޒީރަށް ވަޑައިގެންނެވެން ނެތް ކަމަށް އަންގަވައިފި އެވެ.
ސައުދީގެ "ޕްރިންސް" އާ ގުޅޭ ގޮތުން މިނިސްޓަރު ހަލީލްއާ ސުވާލު ކުރުމަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އެވެ. މެންބަރު މީކާއީލް ވަނީ ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ބުނެ މި އަހަރުގެ މޭ ފަސް ވަނަ ދުވަހު ރައީސް މުއިއްޒާ ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަދް ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްތޯ ސުވާލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ސައުދީ އެމްބަސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ނުވަނީ ކީއްވެގެންތޯވެސް މެންބަރު ސުވާލު ކުރެއްވި އެވެ. އެއީ ސައޫދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ރާއްޖޭގައި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯވެސް މެންބަރުގެ ސުވާލުގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ކޮންމެހެން ހާޒިރުވާންޖެހޭ ރަސްމީ އެހެން މަސައްކަތެއް މަޖިލީހަށް ހާޒިރުވާންޖެހޭ ވަގުތާ ދިމާވާތީ އެ ސުވާލު އެހެން ތާރީހަކަށް ފަސްކޮށް ދެއްވުމަށް ވަޒީރު އެދިވަޑައިގެންފައިވާ ކަމަށެވެ. އެހެންކަމުން ދެން އެންމެ އަވަހަކަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެކަމަށް މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވި އެވެ.