އިޒްރޭލުގެ ހަމަލާގައި އިރާންގެ ރައީސް ޒަހަމްވި
އަވަސް
14 ޖުލައި 2025 | ހޯމަ | 2:20
އިރާންގެ ތެހެރާނުގައި މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބޭއްވި ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއާ ގުޅިގެން އިރާންގެ ރައީސް މަސްއޫދު ޕެޒޭޝްކިއާންއަށް ކުދިކުދި ޒަހަމްތައް ލިބުނު ކަމަށް އިރާންގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވީ މި ހަމަލާ އަމާޒުކުރީ ސަރުކާރުގެ ތިން ބާރުގެ އިސްވެރިންނަށް ކަމަށާއި، އެއީ ސަރުކާރު ބަޣާވާތްކޮށް ވައްޓާލުމުގެ މަސައްކަތެއް ކަމަށެވެ. އަލްޖަޒީރާއަށް ދެއްވި މައުލޫމާތުގައި އޭނާ ވިދާޅުވީ މިކަމުގެ އަގު އިޒްރޭލުން ދައްކަންޖެހޭނެ ކަމަށެވެ. މި ހަމަލާ ދީފައިވަނީ މެންދުރުފަހުގެ ކުރީކޮޅު، ސަރުކާރުގެ އިޖުރާއީ، ގާނޫނު ހަދާ އަދި އަދުލު އިންސާފު ގާއިމުކުރާ ބާރުގެ އިސްވެރިންނާއި އެހެނިހެން އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް ކުރިއަށް ދަނިކޮށެވެ. އިރާންގެ ސަރުކާރު ނިއުސް އެޖެންސީ ފާސް ނިއުސް އެޖެންސީން ވަނީ އިޒްރޭލާއެކު 12 ދުވަހުގެ ހަނގުރާމައެއް ކުރިއަށް ދަނިކޮށް ދެވުނު މި ހަމަލާއާ ބެހޭ އާ ތަފްސީލްތައް ހާމަކޮށްފަ އެވެ. މި ހަމަލާގެ ވާހަކަ އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ އިރާނުގެ ރައީސް ހޯމަ ދުވަހު ދެއްވި ބަސްދީގަތުމެއްގައެވެ. ފާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ބައްދަލުވުން ކުރިއަށް ދިޔައީ ތެހެރާންގެ ހުޅަނގުގައި ހުންނަ ސަރުކާރުގެ އިމާރާތެއްގެ ތިރީ ފަންގިފިލާ ގައެވެ. ހަމަލާ ފެށުމާއެކު އިމާރާތުގެ ވަންނަ ދޮރުތަކާއި ނުކުންނަ ދޮރުތަކަށް ހަ މިސައިލް އަމާޒުކޮށްފައިވަނީ، ފިލަންދާ މަގުތައް ބަންދުކޮށް، އެތެރޭގައި ވައިދައުރުވާ ނިޒާމު ކަނޑާލުމުގެ ބޭނުމުގައެވެ. މިސައިލް ހަމަލާތަކަށްފަހު އިމާރާތުގެ ކަރަންޓު ކެނޑިގެން ދިޔަ ނަމަވެސް އިރާންގެ އޮފިޝަލުން ވަނީ ކުއްލި ހާލަތުގައި ބޭނުންކުރާ ދޮރެއް ބޭނުންކޮށްގެން ފިއްލަވާފަ އެވެ. ރައީސް ޕެޒޭޝްކިއަންވެސް އޭގެތެރޭގައި ހިމެނިވަޑައިގަންނަވަ އެވެ. އެމަނިކުފާނު އެ ހަމަލާއިން ސަލާމަތްވީއިރު އެމަނިކުފާނުގެ ފަޔަށް ކޮންމެވެސް ވަރަކަށް އަނިޔާ ލިބިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.