ފްލެޓް އެއްބަސްވުމުގައި ފެށޭ ހަފްތާ ސޮއިކުރަނީ

އަވަސް

14 ޖުލައި 2025 | ހޯމަ | 9:56

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމުގައި ހިމެނޭ 4،000 ފްލެޓް ލިބޭ މީހުންނާ އެކު އަންނަ ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރަން ފަށާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ "އަހާ" ޕްރޮގްރާމުގައި މިރޭ އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ ހިނގަމުން މިދާ ޖުލައި މަސް ފެށޭއިރު ފްލެޓް އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ކުރިން އޭނާ ވިދާޅުވެފައި އޮންނާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވީ އިދާރީ ގޮތުން ކުރަންޖެހޭ ބައެއް ކަންކަން ކުރެވިފައި ނުވާތީ ކަމުގައި ވިދާޅުވި އެވެ. "އަޅުގަނޑުމެން ލިސްޓް ނެރެގެން ލިސްޓްގެ ކަންތައްތައް ބެލިއިރު އެޗްޑީސީގެ ފަރާތުން ކުރަންޖެހޭ އެގްރިމަންޓް އޮތީ ކަމާ ގުޅޭ އިދާރާތަކުން ވެޓްކޮށްފައެއް ނޫން. މިނިސްޓްރީންވެސް ވެޓް ކޮށްފައެއް ނެތް. އަދި އެޓާނީ ޖެނަރަލް އޮފީހުންވެސް ވެޓްކޮށްފައެއް ނެތް،" މުއްތަލިބް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންނާ އެކު ސޮއި ކުރަންޖެހޭ އެއްބަސްވުން އެޓާނީ ޖެނަރަލް އޮފީހަށް ފޮނުވައިގެން ފައިނަލް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ހިނގަމުންދާ ކަމަށެވެ. ފްލެޓް ލިބެނީ 4،000 މީހުންނަށް ކަމަށްވާތީ އެމީހުންނާ އެކު ސޮއި ކުރުމަކީ ބުރަ ބޮޑު މަސައްކަތަކަށްވާތީ ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ހާއްސަ ތަނެއް ހުންނަންޖެހޭ ކަމަށެވެ. އެޗްޑީސީއާ ގުޅިގެން ތަނެއް ހަމަޖައްސައި ޓެންޓް އަޅަމުންދާ ކަމަށާއި އަދި އެތަނަށް ބޭނުންވާ އިދާރީ މުވައްޒަފުންނާ ވަސީލަތްތައް ހަމަޖައްސަމުންދާ ކަމަށްވެސް ވިދާޅުވި އެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިހާރުގެ ޓާގެޓަކީ އެ ހުރިހާ ކަންތައްތަކެއްވެސް ހަމަޖައްސައި އަންނަ ހަފްތާ ތެރޭގައި އަޅުގަނޑުމެންނަަށް އެގްރިމަންޓްތަކުގައި ސޮއިކުރަން ފެށޭވަރު ވާނެ ކަމަށް،" މުއްތަލިބް ވިދާޅުވި އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވީ ފްލެޓް ހަވާލުކުރަނީ އެންމެ ބޭނުންވާ މީހުންނަށް އިސްކަންދީގެން އަވަހަށް ނިމޭ ފްލެޓްތައް އެމީހުންނަށް ދޫކުރާ ގޮތަށް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދަމުންދާ 4،000 އެޕާޓްމަންޓްގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 650 އަކަފޫޓުގެ 1،200 އެޕާޓްމަންޓާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ގޮތުގައި 900 އަކަފޫޓްގެ 2،800 އެޕާޓްމަންޓެވެ. އެފްޑީސީ އިން މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޯޕަރޭޝަން (އެންބީސީސީ) އިން 2،000 ފްލެޓް އަދި ކަލްޕަތާރޫ ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިން 2،000 ފްލެޓް ހަދާނެ އެވެ. ކޭޕީއައިއެލްގެ ފްލެޓްތަކަށް ކިޔަނީ "އަމާން އުދަރެސް" އެވެ. އެންބީސީސީގެ ފްލެޓްތަކަށް ކިޔަނީ "އަމާން ދޯދި" އެވެ. ކޮންމެ މަޝްރޫއެއްގައި 16 ޓަވަރު -- ޖުމްލަ 32 ޓަވަރު އިމާރާތްކުރާނެ އެވެ. އަދި ދެ ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތަކާއި، ތިން ކޮޓަރީގެ ޔުނިޓްތަކަށް ހާއްސަކުރެވިފައިވާ ޓަވަރުތައް މިމަޝްރޫއުގައި ހިމެނެ އެވެ. މިއިން ކޮންމެ މަޝްރޫއުއެއްގައި 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓް ހިމެނެ އެވެ.

މައުޟޫޢުތަށް