އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އާ އޮފީހެއް އުފައްދަނީ
އަވަސް
15 ޖުލައި 2025 | އަންގާރަ | 9:00
މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އާ އޮފީހެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު އެވެ. މި ބިލްގެ މައިގަނޑު މަގުސަދުގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގެ ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކުރުމެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފިކުރީ މުދަލުގެ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ ކަމަށް ބިލްގައިވެ އެވެ. މި އޮފީސް ހިނގަމުންދާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ކަމަށާއި އޮފީހުގެ ކަންކަމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ބިލްގައި ބުނެފައިވެ އެވެ.
ބިލްގައިވާ ގޮތުން އެ އޮފީސް ހިންގުމުގެ އެންމެ އިސް މީހަކީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ވަކިކުރާނީ އިކޮނޮމިކް މިނިސްޓަރު ކަމަށް ބިލްގައިވެ އެވެ.