ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ނާޒިމް
އަވަސް
15 ޖުލައި 2025 | އަންގާރަ | 9:49
ކެންސަރު ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"އަހާ ފޯރަމް" ގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ކެންސަރު ހޮސްޕިޓަލް އިމާރާތް ކުރުމަށް ބޭނުންވާ އިދާރީ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާ ކަމަށެވެ. "މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ،" މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ. މިނިސްޓަރު ނާޒިމް ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން ހޮސްޕިޓަލް އިމާރާތްކުރުމަށް އެކުވެރި ދައުލަތަކާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.