ވީއައިއޭގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް އިންސްޕެކްޓް ކުރަން ފަށައިފި
އަވަސް
16 ޖުލައި 2025 | ބުދަ | 8:58
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ސަލާމަތީ ނިޒާމްތައް ޓެސްޓްކޮށް އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުންކުރުމުގެ ހުއްދަ ދިނުމަށްޓަކައި ކުރިއަށް ގެންދަންޖެހޭ އިންސްޕެކްޝަންތައް ޑިފެންސް މިނިސްޓްރީގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) ޑިވިޝަން އިން ފަށައިފި އެވެ.
ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި ސަލާމަތީ ނިޒާމްތައް ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ރޭވިފައިވަނީ އެމްއޭސީއެލް އާ ގުޅިގެން ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތަށް ނިޒާމީ ގޮތެއްގައި ތަފާތު ބައިތަކަށް ބަހާލެވިގެންނެވެ. އެގޮތުން ޓާމިނަލްގެ އެކްސެސް ކޮންޓްރޯލް އަދި ސީސީޓީވީ ނިޒާމް ބަލައި ޓެސްޓް މިހާރު ވަނީ ޓެސްޓްކޮށްފަ އެވެ. އެ މިނިސްޓްރީން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ގާއިމުކޮށްފައިވާ ހޯލްޑް ބެގޭޖް ސްކްރީނިން އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްގެ ޓެސްޓް ކުރުމަށްޓަކައި ބެގެޖް ސްކްރީނިން ޓްރަޔަލް ސެޝަންތައް ކުރިއަށް ގެންދިއުމާއެކު އޭވިއޭޝަން ސެކިއުރިޓީ މަސައްކަތުގައި ބޭނުން ކުރުމަށް ޤާއިމުކޮށްފައިވާ އެހެނިހެން އިކުއިޕްމެންޓްތައް ޓެސްޓް ކުރުމުގެ މަސައްކަތުގެ އިތުރުން ޓާމިނަލްގައި ގާއިމުކޮށްފައިވާ އިކުއިޕްމެންޓްތަކާއި އެކްސްސް ކޮންޓްރޯލް ނިޒާމާއި ސީސީޓީވީ ނިޒާމް ބޭނުންކުރުމުގެ އެސްއޯޕީތައް ރިވިއުކޮށް ހުއްދަ ދިނުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ. ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލް މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ދަނީ ތައްޔާރުވަމުންނެވެ. އާ ޓާމިނަލް އާއެކު ދާގީނާ ސްކްރީން ކުރުމަށް އަންނާނެ ބަދަލުތަކަކީ އާ ޓާމިނަލްގައި ޗެކިން ކައުންޓަރުތަކަށް ދިއުމުގެ ކުރިން ދާގީނާ ސްކޭން ކުރާކަށް ނުޖެހުމެވެ. އެގޮތުން ޓާމިނަލަށް ވަނުމުގެ ކުރިން ޓިކެޓު ދައްކާލުމަށްފަހު ވަގުތުން ޗެކިން ކައުންޓަރަށް ދެވޭނެ އެވެ. އާ ޓާމިނަލްގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުރެ އެވެ. އަދި ޗެކިން އޭރިއާގެ ޖާގަ ތަނަވަސްކޮށް ހާދާފައިވާތީ އެކަމުގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެ ކަމަށް އެމްއޭސީއެލް އިން ދެކެ އެވެ.