އިޒްރޭލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވަނީ

އަވަސް

16 ޖުލައި 2025 | ބުދަ | 2:33

އިޒްރޭލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވަމުންދާ ކަމަށް އެގައުމުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފި އެވެ.

ޚާއްސަކޮށް ހަނގުރާމައިގެ ސަބަބުން ދިމާވާ ނަފްސާނީ މައްސަލަތަކާއި، އެފަދަ ހާލަތްތަކުގައި ލިބެންޖެހޭ އެހީތެރިކަން ނުލިބުމުގެ ސަބަބުން މިކަން ބޮޑުވެފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. މިދިޔަ ޖުލައި ހަތްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ތިން ސިފައިން އަމިއްލައަށް މަރުވެފައިވާއިރު، އެހެން ސިފައިންގެ މީހަކު މަރުވުމަށް މަސައްކަތްވެސް ކޮށްފައިވެ އެވެ. މިހާރުވެސް އޭނާގެ ހާލު ސީރިއަސް ކަމަށް ހަބަރުތައް ބުނެ އެވެ. ދެހާސް ތޭވީސް ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިހާތަނަށް 43 ސިފައިން އަމިއްލައަށް މަރުވެފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. މިކަމާ ގުޅިގެން އިޒްރޭލްގެ ކަމާބެހޭ ފަރާތްތަކުން ވަނީ މި މައްސަލަ ވަގުތުން ތަހުގީގުކުރުމަށް އަންގާފަ އެވެ. އިޒްރޭލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ހަނގުރާމައިގެ ތެރޭގައި ދިގު މުއްދަތަކަށް ހަރަކާތްތެރިވުމާއި، ހަނގުރާމައިގެ ބިރުވެރި މަންޒަރުތައް ފެނި، ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑެތި ގެއްލުންތަކުގެ އިތުރުން، ޣައްޒާ ހަނގުރާމައިގެ ބުރަބޮޑުވުންވެސް ހިމެނެ އެވެ. ހަނގުރާމައާ ގުޅުންހުރި ނަފްސާނީ އަސަރުތަކުގެ އިތުރުން، އާއިލީ މައްސަލަތަކާއި، މާލީ ދަތިތަކާއި، ކޮމާންޑަރުންގެ ފަރާތުން ހައްގު ނޫން މުއާމަލާތްތަކެއް ކުރާކަމުގެ އިހްސާސްތަކެއް ވުމަކީވެސް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ނުރައްކާ އިތުރުވާ ކަންކަމުގެ ގޮތުގައި ވަނީ ފާހަގަކޮށްފަ އެވެ. އިޒްރޭލު ސިފައިންނަކީ ވަރަށް އަނިޔާވެރި ރަހުމުކުޑަ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތް ބައެކެވެ. އެއްވެސް ހައްގަކާ ނުލާ ފަލަސްތީނުގެ މައުސޫމު ތުއްތު ތުއްތު ކުދިންނާއި އަންހެނުންނާ މުސްކުޅިން މަރަމުން ގެންދާ ބައެކެވެ.

މައުޟޫޢުތަށް