ޗާގޯސް ހޯދަން ނޫޅޭ ކަމަށް ދައްކާ ވާހަކަތައް ދޮގުކޮށްފި

އަވަސް

16 ޖުލައި 2025 | ބުދަ | 5:55

ޗާގޯސް އަކީ ރާއްޖެ ތަނެއް ނޫން ކަމަށާއި އެހެންވެ އެ ސަރަހައްދު ހޯދަން ނޫޅޭ ކަމަށް ޔޫރަޕިއަން ޕާލިމެންޓްގައި ރާއްޖޭގެ ފަރާތުން ވާހަކަދައްކާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ދޮގު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައިވާ ސަފީރު ޔޫރަޕިއަން ޕާލިމަންޓުގައި، ވިދާޅުވެފައިވާ ކަމަށް ބުނެ ބައެއް އޮންލައިން މީޑިއާތަކުގައި ރިޕޯޓްކޮށްފައިވަނީ ދެއްކެވި ވާހަކަފުޅު އޮޅުވާލައިގެން ކަމަށެވެ. އެ ވާހަކަތައް ސާފުކޮށް ދެއްވަމުން ހަލީލް ވިދާޅުވީ ޔޫރަޕިއަން ޕާލިމެންޓުން ސަފީރާ ކުރައްވާފައިވަނީ ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް ހުރުމާމެދު، ދެކޭ ގޮތް ކަމަށެވެ. އެ ސުވާލުގެ ޖަވާބުގައި ޑިއެގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ ބޭސްއެއް މާކުރިއްސުރެ ގާއިމުވެފައިވާ ކަމަށާއި އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށް ސަފީރު ވިދާޅުވި ކަމަށް ހަލީލުގެ ޕޯސްޓުގައިވެ އެވެ. ހަލީލްގެ ޕޯސްޓްގައި ވަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން ފޯޅަވަހީގެ މައްސަލައިގައި އަމަލުކުރި ގޮތަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ހަލީލު ވަނީ ކަނޑައެޅިފައިވާ ނިޒާމުތަކާ ހިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯވެސް ބެލުމެއްނެތި، ފޯޅަވަހީގެ ހައްގުތައް ދޫކޮށްލާފައިވަނީ 2022 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވެފަ އެވެ. "މިކަން ދިވެހި ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ އެވެ،" ހަލީލް ވިދާޅުވި އެވެ.

މައުޟޫޢުތަށް