އަސްކޮއިއިން ލަނޑު ދިން މީހުން ރިޕޯޓްކުރަން އެދިއްޖެ
އަވަސް
17 ޖުލައި 2025 | ބުރާސްފަތި | 4:53
އަސްކޮއި އުމްރާ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް އެންމެ ފަހު ވަގުތު، ފުރޭ ގޮތް ނުވި މައްސަލައެއް އަނެއްކާވެސް ފެންމަތިވެފައިވާތީ އެ ގުރޫޕަށް ފައިސާ ދައްކައިގެން ލަނޑު ލިބިފައިވާ މީހުން އެ މައްސަލަ ރިޕޯޓް ކުރުމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
އަސްކޮއި އުމްރާ ގުރޫޕްގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް މީގެކުރިންވެސް ފުރޭ ގޮތް ނުވި މައްސަލައެއް ފެންމަތިވި އެވެ. މިފަހަރު އަސްކޮއި ގުރޫޕްގައި އުމްރާއަށް ދިއުމަށް ފައިސާ ދެއްކި ބަޔަކަށް ފުރެން ނެތް ކަން އެންގީ އެމީހުން ފުރަން އޮތް ދުވަހު އެވެ. އަދި މިމައްސަލަ ރޭގެ ވަގުތެއްގައި ފެންމަތިކުރީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. މިނިސްޓަރު ޝަހީމް ރޭ ވިދާޅުވީ އަސްކޮއި އުމްރާ ކުންފުނިން އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނަގައި ފުރަން އޮތް ދުވަހު ނުފުރައި ލަނޑުދީގެން އުޅޭކަމުގެ މައުލޫމާތު މިނިސްޓްރީގެ ސަމާލު ކަމަށްވެސް އައީ ރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ. މައްސަލަ ފުލުހަށް ހުށަހަޅައި ގަވާއިދާ އެއްގޮތައް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވި އެވެ. އަދި މިއަދު ވަނީ އަސްކޮއިގެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފަ އެވެ. ފުލުހުން މިއަދު ބުނީ އުމްރާ އަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އުމްރާ އަށް ނުގެންދިޔަ މައްސަލާގައި މިދިޔަ މެއި މަހު ޖޫރިމަނާކުރި އަސްކޮއި ޓްރެވަލް ސާވިސް އިން އަނެއްކާވެސް އެކަން ތަކުރާރުކުރި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކޮށް ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަނުން އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށްވެސް ބުންޏެވެ. އަސްކޮއި އަށް ފައިސާ ދެއްކުމަށްފަހު އުމުރާއަށް ފުރޭ ގޮތް ނުވި މީހުން ފުލުހުންގެ އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048 އަށް ގުޅައިގެން ނުވަތަ ހެންވޭރުގައި ހުންނަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވެގެން މައްސަލަ ރިޕޯޓްކުރަންވެސް ފުލުހުން އެދިފައިވެ އެވެ. އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޑެޓުގެ ވެރިންގެ ގޮތުގައި ތިބީ އަބްދުﷲ ރަޝީދާއި އަހްމަދު ސަނިލް ކިޔާ މީހެކެވެ. މިގުރޫޕުން މީގެކުރިން އެހެން ނަމެއްގައި އުމްރާ ގުރޫޕް ހިންގިއިރު 2018 ވަނަ އަހަރުވެސް ލަނޑުދިން މައްސަަލައެއް އިދާރާތަކުން ބަލާފައިވެ އެވެ. އަދި އޭގެފަހުން 2023 ވަނަ އަހަރު ކުންފުނީގެ ނަމަށް ބަދަލެއް ގެނައި ފަހުން މިދިޔަ މެއި މަހުވެސް ބަޔަކަށް ލަނޑު ދީފައިވާތީ އިސްލާމިކް މިނިސްޓްރީން މި ކުންފުނި ޖޫރިމަނާކޮށްފައިވެ އެވެ.