65 އަހަރު ފަހުން ފްރާންސް ސިފައިން ސެނެގާލުން ފައިބައިފި
އަވަސް
18 ޖުލައި 2025 | ހުކުރު | 1:45
ސެނެގާލުގައި ތިބި ފްރާންސުގެ ސިފައިން އެ ގައުމުން ފައިބައިފި އެވެ.
ފްރާންސުގެ މި ނިންމުމާ ގުޅިގެން ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ފްރާންސުން 65 އަހަރު ވަންދެން ކުރިއަށް ގެންދިޔަ އަސްކަރީ ހަރަކާތްތައް މިވަނީ ނިމުމަކަށް އައިސްފަ އެވެ. ފްރާންސްގެ އަސްކަރީ ހަރަކާތްތައް ހުޅަނގު އެފްރިކާގައި ފަށާފައިވަނީ އެ ގައުމުތަކުގައި ފްރާންސްގެ އިސްތިއުމާރީ ދައުލަތުން ވެރިކަން ކުރި ދުވަސްވަރުން ފެށިގެންނެވެ. ސެނެގާލަށް މިނިވަންކަން ލިބިފައިވަނީ 1960 ވަނަ އަހަރު އެވެ. މިނިވަންކަން ލިބުނު ފަހުން ވެސް ފްރާންސާއެކު އެކުލަވާލެވުނު ދިފާއީ އެއްބަސްވުންތަކުގެ ދަށުން ސެނެގާލްގައި އަސްކަރީ މަރުކަޒުތައް ބެހެއްޓުމުގެ ހުއްދަ ފްރާންސް ސަރުކާރަށް ދީފައިވެ އެވެ. މި މަރުކަޒުތަކުގެ ބޭނުމަކީ ސެނެގާލުގެ ސިފައިންނަށް ތަމްރީނު ދިނުމާއި، ލޮޖިސްޓިކްސްގެ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސާހިލް ސަރަހައްދުގައި ހަރަކާތްތެރިވާ ޖިހާދީންނާ ދެކޮޅަށް ކުރެވޭ ހަނގުރާމައަށް އެހީވުމާއި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކަށް އެހީތެރިވުމާއި އަދި އެ ސަރަހައްދުގައި ފަރަންސޭސިވިލާތުގެ އިގްތިސާދީ އަދި ސިޔާސީ މަސްލަހަތު ރައްކާތެރިކުރުމެވެ. ސެނެގާލްގައި އަސްކަރީ ހަރަކާތް ނިމުމަކަށް އައިސްފައިވާއިރު، އެންމެފަހުން ތިބި ސިފައިން އެއްކޮށް ބޭލުމުގެ ކުރިން އެ ގައުމުގައި ގާތްގަނޑަކަށް 350 ފްރާންސްގެ ސިފައިން ތިއްބެވެ. ފްރާންސްގެ ސިފައިން ބާލައިފައި މިވަނީ ހުޅަނގު އެފްރިކާގެ ގައުމުތަކުގައި ފްރާންސްގެ ނުފޫޒު ވަރަށް ބޮޑަށް ކުޑަވަމުން ދިޔަ ވަގުތެއްގައެވެ.